އެމެރިކާގައި ކުރިއަށްދާ ކްލަބު ވޯލްޑް ކަޕުގެ ގްރޫޕް ސީގައި ޕޯޗުގަލްގެ ބެންފިކާއާއި އާޖެންޓީނާގެ ބޮކަ ޖޫނިއާސް ވާދަކުރި ފޯރިގަދަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ފްލޮރިޑާގެ މިއާމީ ގާޑެންސްގެ ހާޑް ރޮކް ސްޓޭޑިއަމްގައި މިރޭ ކުޅުނު ވާދަވެރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އެ ގްރޫޕުގެ ކޮންމެ ޓީމެއްވެސް މިހާތަނަށް މެޗެއް ކުޅެފައިވާ އިރު، ބަޔާން މިއުނިކް އޮތީ އެއްވަނައިގައެވެ.

ބަޔާނުން ފުރަތަމަ ކުޅުނު މެޗުގައި ނިއު ޒީލެންޑްގެ އޯކްލޭންޑް ސިޓީ ކައިރިން މޮޅުވީ 10-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބަޔާން އެއްވަނައަށް ފައްކާވެފައި އޮތް އިރު، މިރޭގެ ކުރިމަތިލުމަކީ ގްރޫޕްގެ ދެވަނަ މަގާމަށް މުހިއްމުވެފައި އޮތް މެޗެވެ.

މެޗުން އެ މަންޒަރު ފެންނަންވެސް ފެނުނެވެ. މިރޭ ކުރިން ކުޅުނު ޗެލްސީ މެޗާ ހިލާފަށް، ބޮކަ ޖޫނިއާސްއާއި ބެންފިކާ މެޗަށް ސަޕޯޓަރުން ފުރިފައި އޮތް އިރު، މެޗުގެ 21 ވަނަ މިނެޓުގައި ބޮކަ ޖޫނިއާސް ލީޑު ނެގިއެވެ.

ދެކުނު އެމެރިކާ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ބޮކަ ޖޫނިއާސްއަށް އެ ގޯލު ޖަހައިދިނީ މިގޭލް މެރެންޝިއެލްއެވެ. އެއީ އަރިމަތިން ލައުޓާރޯ ބްލާންކޯގެ މަސައްކަތުން ނަގައިދިން ހުރަހަކުން އޭނާ ޖެހި ގޯލެކެވެ.

އޭގެ އިރުކޮޅެއްފަހުން 27 ވަނަ މިނެޓުގައި ރޮޑްރީގޯ އަންދްރޭއާސް ބަޓަގްލިއާ ވަނީ ބޮކަ ޖޫނިއާސްއަށް ދެވަނަ ގޯލެއް ޖަހައިދީފައެވެ. އެ ގޯލާއެކު މެޗު މަޑުމަޑުން ހޫނުވެ، ހާފު ނިމެން ދިޔަ އިރު، ފެނުނީ އިރު އިރުކޮޅާ ޒުވާބު ހިނގިތަނެވެ. އެކަހަލަ ކޯޅުމެއްގައި ބެންޗުގައި އިން ބޮކަ ޖޫނިއާސް އެންޑާ ހެރޭރާއަށް ރެފްރީ ރަތް ކާޑު ދެއްކިއެވެ.

ހާފު ނިމުމުގެ ކުރިން، ފަހު މިނެޓުގައި ބެންފިކާއަށް ޕެނަލްޓީއެއް ލިބި، އެޓީމަށް ފަރަގު ކުޑަކޮށްދިނީ އާޖެންޓީނާ ގައުމީ ޓީމާއެކު ކާމިޔާބު ހޯދައި، ޔޫރަޕް ފުޓުބޯޅައިގެ ބޮޑެތި ކްލަބުތަކާއެކު މޮޅަށް ކުޅެފައިވާ އެންހޭލް ޑި މާރިއާއެވެ.

އެ ގޯލާއެކު އުންމީދުގައި ކުޅެމުންދިޔަ ބެންފިކާއަށް 70 ވަނަ މިނެޓުގައި އަނެއްކާވެސް އުނދަގޫތަކަކާ ކުރިމަތިވިއެވެ. ބަދަލަކަށް އެރި އަންދްރޭއާ ބެލޮޓީއަށް ރަތް ކާޑު ދެއްކުމުން ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ އިރު، ކޯނަރެއްގައި ނިކޮލަސް އޮޓަމެންޑީ މެޗު އެއްވަރުކޮށްދިނީ 84 ވަނަ މިނެޓުގައެވެ.

މެޗުގައި ބޮކަ ޖޫނިއާސްގެ އިތުރު ކުޅުންތެރިޔަކަށް ރަތް ކާޑު ދެއްކި އިރު، އެއީ ނިމެން ދަނިކޮށް ޖޯޖް ފިގަލްއަށް ދެއްކި ރަތް ކާޑެކެވެ.