އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދީގެން ނުވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން މޫސަ އެހެން ވިދާޅުވެފައިވާ އިރު، ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނަށް މެސެޖެއް ފޮނުއްވައިފައެވެ.

މޫސަ ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބު ލިބުނު އެންމެ ބޮޑު ސަބަބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ރައީސް ނަޝީދުގެ ކަމަށާއި ނަޝީދަކީ ޕާޓީން ވަކިވެވަޑައިގެން، އަމިއްލަ ޕާޓީއެއް އުފެއްދެވުމުގެ އިތުރުން އެމްޑީޕީއަށް ވަރުގަދަ އިންޒާރުތަކެއް ވެސް ދެއްވަމުން ގެންދެވި ކަމަށެވެ.

"ރައީސް ނަޝީދު އިއުލާންކުރައްވަމުން ގެންދެވީ ފުނޑުފުނޑުކޮށްލަވާނަމޭ، ޕާޓީ ފުނޑާލާނަމޭ، ޕާޓީގެ ދުވަސް ދުއްވާލާނަމޭ، ނައްތާލާނަމޭ. އެ ޒުވާބެއް ވެސް ވަރަށް ބޮޑަށް ގަދަވެގެންދިޔަ. އެހެންވީމާ އަޅުގަނޑު އެމްޑީޕީގެ އާންމު މެންބަރުންނަށް ވެސް ނަސޭހަތްދެމުން މި ގެންދަނީ. އަދި ބައެއް ރަށްރަށަށް ދަތުރު ވެސް އެބަކުރަން. މި ކިޔައިދެނީ އެ ފިކުރުގައި ޕާޓީ ތެރޭގައި އުޅެން ބޭނުންވާ ބަޔަކަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދޭށޭ،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ ބައިބައިކޮށްލުމުގެ ފުރުސަތު ނަޝީދު އަދި އެހެން މީހަކަށް ވެސް ނުދޭނެ ކަމަށާއި ޕާޓީގެ ތެރެއިން ނަޝީދުގެ އާއިލީ ހަނގުރާމައެއް ކުރުމުގެ ފުރުސަތު ވެސް ނުދޭނެ ކަމަށެވެ. އަދި އެމްޑީޕީއަށް ރައީސް ނަޝީދާއެކު މަސައްކަތްކުރެވިދާނެތޯ ވެސް މޫސަ ސުވާލު އުފެއްދެވިއެވެ.

މޫސަ ވިދާޅުވީ، އެމްޑީޕީގައި ސުލޫކީ ކަންކަމުގައި އަދަބު އޮންނަ ގޮތަށް އެންމެނަށް ވެސް އެކަން ތަންފީޒުވާން ޖެހޭނެ ކަމަށާއި، އެހެން ކަމުން މި ފަސް އަހަރު ރިޔާސީ ޕްރައިމަރީގައި އެމްޑީޕީން ވާދަކުރުމުގެ ފުރުސަތު ރައީސް ނަޝީދަށް ދެވިގެން ނުވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ ފުރުސަތު ވެސް ދެވިފައިވާ ކަމަށާއި އެމްޑީޕީއަށް ދެވަނަ ފަހަރަށް ވެރިކަމަށް އާދެވުނު އިރުވެސް އެންމެ ބޮޑު މަންފާއެއް ވެސް ލިބިވަޑައިގެންނެވީ ނަޝީދާއި އެ އާއިލާގެ ބޭފުޅުންނަށް ކަމަށް މޫސަ ވިދާޅުވިއެވެ.