ކުރީ ސަރުކާރުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިހަ ބިލިއަން ރުފިޔާ ވަގަށް ނަގާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ކޮންމެ ކުންފުންޏެއް ވެސް އޮތީ ބިލިއަނުން ދަރާފައި ކަމަށާއި ފެނަކައަށް އެކަނިވެސް ފަސް އަހަރު ތެރޭ ހަތަރު ބިލިއަނެއްހާ ރުފިޔާގެ ގެއްލުންވެފައިވާކަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިހާރު ހަދާ ދިރާސާކުރުންތަކުން އެނގޭ ކަމަށެވެ.

"މުޅި ހުރިހާ ކުންފުންޏަކަށް ބަލާ އިރު، ގާތްގަނޑަކަށް އެ ފަސް އަހަރުގެ ތެރޭގައި އެ ކުންފުނިތަކުން ދިހަ ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ސީދާ ވަގަށް ނަގާފައި. މި ދެންނެވީ ބާޒާރުގައި ހުންނަ އަގުތަކަށްވުރެ ބޮޑު އަގުގައި ތަކެތި ގަނެގެންނާއި ބޮޑު އަގުގައި މަސައްކަތްތައް ދީގެން، ދިހަ ބިލިއަނާ ކައިރިއަށް އެބަހުރި. އަޅުގަނޑުމެން މިހާރު މި ކުރާ ދިރާސާތަކުން ގާތްގަނޑަކަށް ލަފާކޮށްލާފައި ބުނަން އެނގޭ ދިހަ ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ވަގަށް ނަގާފައި،" އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައްޔިތުންނަށް ތަފްސީލުތައް އެނގެން ޖެހޭ ކަމަށާއި މި ސަރުކާރާ ހަވާލުވި އިރު، ގައުމު އޮތީ ހީކުރިވަރަށްވުރެ ވެސް މާބޮޑަށް ގޯސްކޮށް ކަމަށެވެ. އަދި 2008 އަށްފަހު، ކޮންމެ ރައީސަކު ވެސް ވެރިކަން ނިންމަވައިލެއްވީ ބޮޑެތި ބަދުނާމުތަކަކާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން މި އުޅެނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުއިއްޒުގެ އިސްތަށިފުޅުގައި މިކަހަލަ ބަދުނާމެއް އަޅުވަން ވެގެން. އެ ބަދުނާމު އިރާދަކުރެއްވިއްޔާ ނޭޅުވޭނެ. އިރާދަކުރެއްވިއްޔާ އެ މަނިކުފާނު އެ ގެންދަވަނީ އެ މަނިކުފާނަށް މި ގައުމުގައި ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތްޕުޅު ކުރައްވަމުން،" އޭނާ ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރުވާން ކައިރިވާ އިރު، މިއަދާ ހަމައަށް އެ މަނިކުފާނު އެ ގެންދަވަނީ މި ގައުމަށް ލިބޭ އެއްޗަކުން މާބޮޑު ދަރަނިތަކެއް ނުނަގައި ހިފަހައްޓަވަމުން ކަމަށެވެ. އަދި އެކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރުވެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.