އަބަދު ތާރީހު އޮޅުވާލައިގެން، ހަގީގަތްތައް އޮޅުވާލައިގެން އުޅެވޭކަށް ނެތް ކަމަށާއި ސިޔާސީ މިނިވަންކަމާއެކު މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ގައުމު ބިނާކުރުމުގެ މަސައްކަތުގައި އުޅޭ އިރު، ސިޔާސީ ހަރަކާތްތަކަށް މިނިވަންކަން ނުދީ ކުރިއަށްދެވެން ނެތް ކަމަށެވެ.

"އަބަދު ތާރީހު އޮޅުވާލައިގެން، ހަގީގަތްތައް އޮޅުވާލައިގެން އަޅުގަނޑުމެންނަށް އުޅެވޭކަށް ނެތް. ކަރުދާހަކުން ހަދައިގެން އުޅޭ މަލަކުން ދުވަހަކުވެސް ވަހެއް ނުދުވާނެ. މި ހަގީގަތްތަކާ އަޅުގަނޑުމެންނަށް ފެޔަށް ދެވޭކަށް ނެތް. ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހު ބަލައި ވިސްނައި ފިކުރު ހިންގި ކޮންމެ ބަޔަކަށް އަޅުގަނޑު މި ދެންނެވި މުހިންމު މެސެޖު އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފުވުމަށްފަހު އައި ކޮންމެ ވެރިކަމެއްގައި ވެސް ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވެގެންދިޔަ އިރުވެސް، ސިޔާސީ ލީޑަރުން މަސައްކަތްކުރައްވަމުން ގެންދަވަނީ މިނިވަންކަމާއެކު ކަމަށެވެ.

"މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ތަހައްމަލުކުރަމުން ގެންދަނީ، މި ހިއްސާކުރަމުން ގެންދަނީ މާ އުފާވެރި ވެރިކަމެއް. ހުރިހާ ސިޔާސީ ފަރާތްތަކަށް މިނިވަންކަމާއެކު ސިޔާސީ މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވެރިކަމެއް. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަމުގެ ބާރުތައް ލިބިލެއްވި ހިނދު، ޕީއެންސީ ވެރިކަމާ ހަވާލުވި ހިނދު، ދިވެހި ރައްޔިތުންނަށް ހުވާލީ އަމާން ވެއްޓެއް. ސިޔާސީގޮތުން އެއްވެސް މީހަކު ހައްޔަރުނުކުރެވި، ސިޔާސީ މަސައްކަތަށް ދޫކުރެއްވީ ގައުުމުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މިނިވަންކަމަށް ފުރުސަތުދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ކަމަށާއި ގާނޫނީ އިމުން ބޭރުން އެއްވެސް ގޮތަކަށް ސިޔާސީ އެއްވެސް ފަރާތަކަށް އެއްވެސް ނުފޫޒެއް، ބާރެއް ނާންނާނެކަމުގެ ކަށަވަރުކަން ދެއްވަމުން ކަމަށެވެ. އަދި އެ ވައުދު ރައީސް ފުއްދަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.