އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ތިންވަނަ ފަންތީގެ ކްލަބު ފުޓުބޯޅަ މުބާރާތް ކަމަށްވާ، އޭއެފްސީ ޗެލެންޖް ލީގުގެ ޕްލިމިނަރީ ބުރުގެ ކޮލިފިކޭޝަން މެޗުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުވައިތުގެ އަލް އަރަބީއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ.

މިއަހަރުވެސް ރާއްޖެއިން އޭއެފްސީގެ ކްލަބު ލައިސަންސިން ފުރިހަމަ ކުރި ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. އޭއެފްސީ ކްލަބު ރޭންކިން ކޮއިފިޝެންޓަށް ބަލާ ޓީމުތަކަށް މުބާރާތްތަކުގެ ސްލޮޓް ދީފައިވާ އިރު، މި ސަރަހައްދުން ރާއްޖެއާއި ބޫޓާންގެ އިތުރުން ބަންގްލަދޭޝްގެ ޓީމުތަކަށް ލިބުނީ ކޮލިފިކޭޝަން ފުރުސަތުތަކެވެ.

ރާއްޖެއިން މާޒިޔާއަށް އެކަނި ފުރުސަތު ލިބުނު އިރު، ބަންގްލަދޭޝްއަށް ވަނީ ދެ ސްލޮޓް ލިބިފައެވެ. ރާއްޖޭގެ މާޒިޔާއިން ފުރަތަމަ ވާދަކުރަން އޮތީ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ނަމަވެސް، މިހާރު ކްލަބުތަކުގެ ކްލަބު ލައިސަންސިންނަށް ބަލައި، މާޒިޔާގެ ގުރަށް ވަނީ ބަދަލު އައިސްފައެވެ.

މިހާރު އޮތް ގޮތުން އޮގަސްޓް މަހު 12 ވަނަ ދުވަހު މާޒިޔާއިން އަލް އަރަބީއާ ދެކޮޅަށް ނުކުންނާނީ މާޒިޔާގެ ހޯމްގައެވެ.

އަރަބީއަށް މިދިޔަ ސީޒަނަކީ ކާމިޔާބު ސީޒަނެކެވެ. އެޓީމުން ލީގުގެ ދެވަނަ ހޯދުމުގެ އިތުރުން ކްރައުން ޕްރިންސް ކަޕްގެ ފައިނަލުގައިވެސް ކުޅެފައިވެއެވެ.

މާޒިޔާއިން އާ ކޯޗު ލުއިސްމާ ހެނާންޑޭޒްއާއެކު ސީޒަނަށް ތައްޔާރުވި އިރު، މިފަހަރު ރާއްޖޭގެ ލީގު ފުޓުބޯޅަ ކުޅެފައެއް ނުވެއެވެ. ޓީމުތަކުން ތައްޔާރުވުމާއެކު އޭގެ ބަދަލުގައި ކުޅުނީ ނުރަސްމީ މުބާރާތެކެވެ. އެއީ އެފްއޭއެމް ލީގު ކަޕުގެ ނަމުގައެވެ. އެ މުބާރާތުގެ ތަށި ނެގީ މާޒިޔާއިންނެވެ.