އެމެރިކާގެ ސިންސިނާޓީގެ ޓީކިއުއެލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބަޔާނުން މިރޭ އޯކްލޭންޑް ބަލިކުރީ 10-0 ގެ ނަތީޖާއަކުންނެވެ. މިއީ ކްލަބު ވޯލްޑް ކަޕެއްގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
ގްރޫޕް ސީގައި ކުޅުނު ފުރަތަމަ މެޗުގައި ބަޔާނުން ތަފާތު ބޮޑު މޮޅެއް ހޯދި އިރު، މިއީ ކްލަބު ވޯލްޑް ކަޕުގެ އާ ފޯމެޓުގައި ބަޔާން ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިއާ ހިލާފަށް މިފަހަރު ކްލަބު ވޯލްޑް ކަޕް، 32 ޓީމާއެކު ކުޅެމުންދާ އިރު، ކުރިން އެންމެ ތަފާތު ބޮޑުކޮށް ފެނުނު ނަތީޖާއަކީ 2022 ވަނަ އަހަރު މުބާރާތުން ފެނުނު ނަތީޖާއެކެވެ.
މީގެ ކުރިން ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެނުނު މެޗަކީ އަލް ހިލާލުން އަލް ޖަޒީރާ ކައިރިން 6-1 އިން މޮޅުވި މެޗެވެ.
ވިންސެންޓް ކޮމްޕެނީގެ ބަޔާނުން މިރޭ މެޗުގެ ފުރަތަމަ ހާފުގައިވެސް ފަސް ގޯލު ޖެހިއެވެ. ކިންގްސްލީ ކޯމަންއާއި މައިކަލް އޮލީސޭ، ކޮންމެ ކުޅުންތެރިޔަކު ފުރަތަމަ ހާފުގައި ދެ ގޯލު ޖެހި އިރު، ދެން ބަޔާނަށް ފުރަތަމަ ހާފުގައި ގޯލު ޖަހައިދިނީ ސަޗާ ބޯއޭއެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ތޯމަސް މުލާ ބަޔާނަށް ހަވަނަ ގޯލެއް ޖަހައިދިން އިރު، މިއީ ބަޔާނަށް އޭނާ ކުޅެމުންދާ ފަހު މުބާރާތެވެ. މުލާގެ އިތުރު ގޯލެއް މެޗު ނިމެން ދަނިކޮށް ފެނުނު އިރު، ދެން ފަހު ހާފުގައި ބަޔާނުން ޖެހި ތިން ގޯލުވެސް ޖެހީ ޖަމާލް މުސިއާލާއެވެ.
މުސިއާލާ ހެޓްރިކް ފުރިހަމަކޮށް ބަޔާން ފެށުން ރަނގަޅުކުރި އިރު، ދެން އެ ގްރޫޕުގައި ހިމެނެނީ ބެންފިކާއާއި ބޮކަ ޖޫނިއާސްއެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް