ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ބައެއް މީހުންނާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް ފްލެޓްތައް ހަވާލުކުރަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މިދިޔަ ސަރުކާރުން ވަނީ އާންމުކޮށްފައެވެ. އަދި ފްލެޓް ލިބޭ ބައެއް މީހުންނާ އެއްކޮށް ވަނީ އެއްބަސްވުންވެސް ހަދައިފައެވެ.
ނަމަވެސް މި ސަރުކާރުން ވަނީ އެ ލިސްޓަށް ފްލެޓް ނުދޭން ނިންމައި އަލުން ލިސްޓް މުރާޖާ ކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން 15 މީހަކު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ މީހުން ހުށަހެޅި މައްސަލައިގައިވާ ގޮތުން މިދިޔަ ސަރުކާރުން ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރުމަށާއި އެއްބަސްވުމާ އެއްގޮތަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފްލެޓް ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދިފައިވެއެވެ.
އޭގެ އިތުރުން އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ހުރަސް އެޅޭނެ ކަމެއް ނުކުރުމަށާއި އެ ފްލެޓްތައް އެ ލިސްޓްގައިވާ މީހުން ފިޔަވައި އިތުރު ބަޔަކާ ހަވާލު ނުކުރަން ވަގުތީ އަމުރަކަށް ވެސް އެދިފައިވެއެވެ.
ނަމަވެސް، ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަކިވަކިން ނިންމި އެ މައްސަލަތަކުގެ ހުކުމުގައި ވަނީ އެ މީހުން އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުގައި އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް އަދިވެސް އިއުލާންކޮށްފައިނުވާ ކަމަށާއި ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް އެއްވެސް މީހަކަށް ފްލެޓު ނުދިނުމަށް ނުވަތަ އެހެން މީހަކަށް އެ ފްލެޓްތައް ދިނުމަށް ނިންމާފައިނުވާ ކަމަށެވެ. އެހެންކަމުން އެފަދަ އަމުރެއް ނެރެންޖެހޭ ހާލަތެއް ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.
ސަރުކާރުން ވަނީ ކުރީގެ ލިސްޓް މުރާޖައާކޮށް 27 ފެބުރުއަރީގައި ލިސްޓެއް ނެރެ ޝަކުވާއަށް ހުޅުވާލައިފައެވެ. އެ ލިސްޓްގައިވާ ގޮތުން ޝަރުތު ހަމަވެފައި ވަނީ 1،820 މީހުންނެވެ.
ނަމަވެސް މި ސަރުކާރުން ފަހުން ނިންމާފައިވަނީ ކުރީ ސަރުކާރުން ނެރުނު ފްލެޓު ލިސްޓުގައި ހިމަނާފައި ހުރި ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނި ކުރުމަށްފަހު އެ ލިސްޓުގައި ބާކީ ތިބި މީހުންނަށް ފްލެޓު ދިނުމަށެވެ.
ގެދޮރުވެރިޔާ ސްކީމް
ގެދޮރުވެރިޔާ ސްކީމް