ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ނުހެދޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނުމަކީ ގާނޫނީ ހުއްޖަތެއް އޮތް ކަމެއް ނޫން ކަމަށް މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އެފްޑީސީއިން ފްލެޓް ލިބުނު ފަރާތްތަކާއެކު މިހާރު ހަދަމުން ދަނީ ކުލީގެ އެއްބަސްވުމަކަށްވާތީ، މި އެއްބަސްވުމުގެ ދަށުން ރަށްވެހިންގެ ރަޖިސްޓަރީ ހައްދައި ނުދެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން ދައްކާ ވާހަަކައަކީ އެއްވެސް އުސޫލަކަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ ފްލެޓްތަކާއެކު ހެދި އެއްބަސްވުމުގެ ހަމަ އެކަނި ތަފާތަކީ "ސޭލް އެންޑް ޕާޗޭޒް އެގްރިމެންޓް" ގެ ބަދަލުގައި "ރެންޓް ޓު އޯން" މޮޑެލްގެ ނަން ކިއުން ކަމަށެވެ.
"ހަމަ ދެތަން ވެސް ރަޖިސްޓްރީ ހަދައި މިދެނީ ފައިސާ ދައްކާ ނިމުނީމާ. ސޭލް އެންޑް ޕާޗޭޒް އެގްރިމެންޓެއްގެ ދަށުން ވެސް ދޭ ތަން ރަޖިސްޓްރީ ހަދައި ނުދޭނެ އެތަނަށް ފައިސާދައްކައި ނުނިމެނީހެއް. އެހެންވީމާ މާލޭ ސިޓީކައުންސިލުން ރައްޔިތުންނަށް އުނދަގޫކުރުމަށް ޓަކައި ކުރާ ކަމެއް،"
މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ، އަމިއްލަ ރިއަލްއެސްޓޭޓް ކުންފުންޏަކުން އަޅާ އެޕާޓްމަންޓެއް ވެސް ބޭންކުން ލޯނެއް ނަގައިގެން ގަންނައިރު، އެ ލޯނު ނުދެއްކޭ ހާލަތުގައި، އެތަން ވިއްކާލާނެ ކަމަށާއި އެކަމަށް ރިއާޔަތްކޮށް އެފަދަ ތަންތަނަށް ވެސް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދޭންވީނުންތޯ ކަމަށެވެ.
އެހެންކަމުން އެކަމަކީ ސަރުކާރަށް އުނދަގޫ ކުރުމަށް ސިޓީކައުންސިލުން ކުރާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ފްލެޓްތަކަށް ރައްވެހި ރަޖިސްޓްރީ ދޭން މާލޭ ސިޓީކައުންސިލަށް އަންގާފައިވާ ކަމަށައީ އެކަމާ ބެހޭ ހުރިހާ މައުލޫމާތެއް އެޗްޑިސީން ދޭނެ ކަމަށެވެ. ނަމަވެސް އެ ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމުގެ ބާރު އޮތީ ސިޓީކައުންސިލަށް ކަމަށް ވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު