ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އިމާރާތްކޮށްފައިވާ 4،000 ފުލެޓަށް ރަށްވެހިކަން ބަދަލުކުރަން އެދިފައިވާ މީހުންގެ މައުލޫމާތު، މާލޭ ސިޓީ ކައުންސިލަށް އެފްޑީސީން ފޮނުވައިފިއެވެ.

އެފްޑީސީން އެ މައުލޫމާތުތައް ހިއްސާކޮށްފައިވަނީ ރަށްވެހިކަން ބަދަލުކުރުމުގެ މަރުހަލާގައި އެފްޑީސީއާއި ސިޓީ ކައުންސިލާ ދެމެދު އުފެދުނު އިދާރީ ހިޔާލުތަފާތުވުންތަކަކަށްފަހުގައެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފްޑީސީން މިހާރު ވަނީ އެ ކޯޕަރޭޝަންގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ބަދަލުކުރަން ހުށަހެޅި 613 މީހެއްގެ ތަފުސީލީ ލިސްޓު ކައުންސިލަށް ފޮނުވާފައި ކަމަށެވެ.

ސިޓީ ކައުންސިލުން އެ ލިސްޓު ހޯދަން އެދިފައިވަނީ، ފުލެޓް ލިބުނު ފަރާތްތަކުން ރަޖިސްޓްރީ ބަދަލުކުރަން ގިނަ އަދަދަކަށް ހުށަހަޅަމުންދާތީ އެ މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައިކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެފައިވަނީ، ވަކި ލިސްޓެއް ބޭނުން ނުވާނެ ކަމަށާއި، އެފްޑީސީގެ ޕޯޓަލުން ދޫކުރާ ކިއުއާރު ކޯޑު ޖެހި ލިޔުމުން އެކަން ކުރެވޭނެ ކަމަށެވެ. ނަމަވެސް، މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި ކައުންސިލުން އެފްޑީސީއާ ބައްދަލުކުރަން ނިންމާފައި ވަނިކޮށް އިއްޔެ ވަނީ ލިސްޓު ހަވާލުކޮށްފައެވެ.

ޒާޔާ ވިދާޅުވީ ލިސްޓު ލިބުމާއެކު މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކަށް މިހާރު ރަށްވެހިކަމުގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށެވެ.

އަދި ރަށްރަށުން މާލެއަށް ރަށްވެހިކަން ބަދަލުވާ ފަރާތްތަކުގެ މައުލޫމާތު އެ ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވައިގެން، އެ ފަރާތްތަކުން ކުރަންޖެހޭ ކަންކަން ނިމުނުހާ އަވަހަކަށް އާ ރަޖިސްޓްރީ ދޫކުރާނެކަމަށް ޒާޔާ ވިދާޅުވިއެވެ.