ކުރީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނީ ކަނޑުންނާއި ޖައްވުންނާއި ފަޒާއިން ކަމަށާއި މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނީ އިމާރާތް ކޮށްފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި އެގޮތުން ބިން ހިއްކުމާއި އިމާރާތް ކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން އިންތިހާބު ގާތްވުމުން ބޯހިޔާވަހިކަމާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައިނުވާ ކަމަށެވެ.
"ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ދީފައެއް ނޫންތޯ ދިޔައީ. ލިޔުމުންނާއި ކަނޑުންނާއި ޖައްވުންނާއި ފަޒާއިން. އަޅުގަނޑުމެން އެގޮތަކަށް ނުދޭނަން. އަޅުގަނޑުމެން ދޭނީ އިމާރާތްކޮށްފައި ނުވަތަ ބިން ހިއްކާފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ދޭން ނިންމި ގޯތިތަކާއި ފްލެޓްތަކުގެ މަސައްކަތްތައް ކުރަމުންދަނީ މި ސަރުކާރުން ކަމަށާއި އެގޮތުން ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ގިނަ ތަންތަން މި ސަރުކާރުން ހިއްކައި ނިންމާފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ދީފައިވާ ގޯތީގެ ނުވަތަ ފްލެޓްގެ ލިޔުންތަކަށް، އެ ފަރާތްތަކަށް ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު