ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ 4،000 ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލޭގައި ރަށްވެހިވުމަށް ބޭނުންވާ މީހުންނަށް އެކަމުގެ ލިޔުން ދޫކުރަން ފަށާފައިވާކަމަށް އެފްޑީސީން ބުނެފިއެވެ.

އެ ފުލެޓުތައް ލިބުނު މީހުންގެ ތެރޭގައި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންވެސް ހިމެނެއެވެ. އެ މީހުން ހިމެނޭ ގޮތަށް އެފްޑީސީ ފްލެޓްތައް ލިބުނު މީހުން ރަޖިސްޓްރީކުރަން ޖެހެނީ މާލެ ސިޓީ ކައުންސިލުން އެ ތަނުގެ ރަޖިސްޓްރީގައި ހިމަނައިގެން، މާލޭގެ ރަށްވެހިންގެ ގޮތުގައެވެ.

ރަޖިސްޓްރީގެ ކަންކަން ލަސްވެފައިވަނީ އެފްޑީސީން، ފުލެޓް ލިބުނު މީހުންނާއެކު ކުލީގެ އެއްބަސްވުން ހެދުމުގެ މަސައްކަތް ކުރަމުންދާތީއެވެ. އެހެންވެ އެފްޑީސީން މިހާރު ވަނީ ފުލެޓްވެރިން މާލޭ ރަށްވެހިންނަށް ވާން ބޭނުންވާ ލިޔުން ދޫކުރަން ފަށައިފައެވެ. އެ މީހުންނަކީ މާލޭ ރަށްވެހިންކަމަށް ސިޓީ ކައުންސިލުން ހިމަނާނީ އެފްޑީސީން ދޫކުރާ ރަސްމީ ލިޔުން ހުށަހެޅުމުންނެވެ.

އެފްޑީސީން މިރޭ ބުނީ ފަހި ޕޯޓަލް މެދުވެރިކޮށް އެ ލިޔުން މިހާރު ލިބެން ހުންނާނެ ކަމަށެވެ. އެފްޑީސީން ބުނީ ޕޯޓަލަށް ލޮގިންވުމަށް ފަހު ތިން ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެގޮތުން ހުށަހަޅަންޖެހޭ ލިޔުންތަކަކީ އެޓެސްޓްކޮށްފައިވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީއަކާއި އެޓެސްޓްކޮށްފައިވާ އުފަން ދުވަހުގެ ސެޓްފިކެޓް އަދި އެޓެސްޓްކޮށްފައިވާ ކައިވެނީގެ ސެޓްފިކެޓުކަމަށް އެފްޑީސީން ބުންޏެވެ.

މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީވާން ބޭނުންވާ ރަސްމީ ލިޔުން ދޫކުރާނީ ހުށަަހަޅާ މައުލޫމާތުތަކާއި ލިއުންތައް ޗެކްކުރުމަށް ފަހު ޕޯޓަލް މެދުވެރިކޮށްކަމަށް އެފްޑީސީން ބުންޏެވެ.