އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމަށް ކުރިން ގައުމީ ޓީމަށް ކުޅުނު މިޑްފީލްޑަރު، ޖެނާރޫ ކަޓޫސޯ ހަމަޖައްސަން ނިންމާފައިވާ ކަމަށް އިޓަލީ ފުޓުބޯޅަ އިދާރާގެ ހެޑް އޮފް ޑެލިގޭޝަން ޖިއާންލުއީޖީ ބުފޮން ބުނެފިއެވެ.

ބުފޮން ބުނީ ގަޓޫސޯ މަގާމަށް ހަމަޖައްސަން މަޝްވަރާތައް ނިންމާފައިވާ ކަމަށާއި، މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާ ކަމަށެވެ. އެއީ އެއްބަސްވުމުގައި ސޮއިކޮށް، އެކަން އިއުލާނުކުރުމުގެ މަރުހަލާ ކަމަށެވެ.

އެކާވީސް އަހަރުން ދަށުގެ ޔޫރޯ މުބާރާތުގެ ތެރެއިން ނޫސްވެރިން ވާހަކަ ދައްކަމުން ބުފޮން ބުނީ އިޓަލީ އެފްއޭގެ ރައީސާއި މުޅި އިދާރާއަށްވެސް މިދިޔަ ހަފުތާއަކީ ބުރަ ހަފުތާއެއް ކަމަށާއި، ގަޓޫސޯ މަގާމަށް ހަމަޖައްސަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ފެންނަ ކަމަށެވެ.

އިޓަލީއަށް ކޯޗަކު ހޯދަނީ ކުރީން އެ މަގާމުގައި ހުރި ލޫސިއާނޯ ސްޕަލެޓީ މަގާމުން ވަކިކޮށްފައިވާތީއެވެ. ދެ އަހަރުވެސް ނުވަނީސް ސްޕަލެޓީ މަގާމުން ވަކިކުރީ އޭނާ އަމިއްލައަށް އިސްތިއުފާ ދީފައި އޮއްވައެވެ. އެއީ ނޯވޭ ކައިރިން 3-0 އިން ބަލިވި މެޗަށްފަހު އޭނާ ނިންމި ނިންމުމެކެވެ.

ގަޓޫސޯއަކީ ކުޅުންތެރިއެއްގެ ގޮތުގައި އިޓަލީ ގައުމީ ޓީމަށް 73 މެޗު ކުޅެފައިވާ ކޯޗެކެވެ. އޭނާއަކީ 2006 ވަނަ އަހަރު އިޓަލީން ވޯލްޑް ކަޕު އުފުލާލި ޓީމުގެ މުހިއްމު ކުޅުންތެރިއެއްވެސް މެއެވެ.

ގަޓޫސޯގެ ކޯޗިން ތަޖުރިބާއަށް ބަލާ އިރު، އެންމެފަހުން އޭނާ ހަވާލުވެ ހުރީ ކްރޮއޭޝިއާގެ ހަޑޫކް ސްޕިލިޓާއެވެ. އެ ކްލަބުގެ ކޯޗުކަން ގަޓޫސޯ ދޫކޮށްލީ ދެފަރާތުން އެއްބަސްވެގެންނެވެ.

އޭގެ ކުރިން ގަޓޫސޯ ވަނީ އޭސީ މިލާނާއި ނަޕޯލީ އަދި ވެލެންސިއާއާއި މާސޭއަށްވެސް ކޯޗުކަން ކޮށްދީފައެވެ.