މުޅިން އާ ފޯމެޓަކަށް ތާވަލުކޮށް، ފީފާއިން ބާއްވަން ފެށި ކްލަބު ވޯލްޑް ކަޕް ރޭ ފަށައިފިއެވެ.
މިއަހަރުގެ ކްލަބު ވޯލްޑް ކަޕުގައި 32 ޓީމުން ވާދަކުރާ އިރު، ކުރިއާ ހިލާފަށް މުބާރާތް މަހަކަށް ދެމިގެން ދާނެއެވެ. ގައުމުތަކުގެ މެދުގައި ކުޅެވޭ ވޯލްޑް ކަޕުގެ ފޯމެޓަށް، ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަން ނިންމާފައިވާ ކްލަބު ވޯލްޑް ކަޕުގެ އާ ފޯމެޓަށް ރޭ މުބާރާތް ފެށީ އެމެރިކާގެ މިއާމީގައެވެ.
ހޯސްޓް އިންޓަ މިއާމީ އާއި މިސްރުގެ ގަދަ ބާރު، އަލް އަހްލީ ވާދަކުރި މި މެޗު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.
މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމުގައި ކުލަގަދަ އިވެންޓަކާއެކު ކްލަބު ވޯލްޑް ކަޕް ފެށިގެން ދިޔައީ ގިނަ ސަޕޯޓަރުންނާވެސް އެކުގައެވެ. ލިއޮނަލް މެސީ ކުޅެމުން އަންނަ އިންޓަ މިއާމީގެ ސަޕޯޓަރުން އޭނާގެ ޖާޒީގައި ދަނޑަށް ވަދެ ތިބި އިރު، އެފްރިކާއިން އަހްލީ ސަޕޯޓަރުންވެސް މެޗަށް ގޮސް ތިއްބެވެ.
މެސީގެ ޖާދުވީ ހުނަރަށް ގިނަ ބަޔަކު އިންތިޒާރުކޮށްގެން ތިބި އިރު، މެޗުގެ ފުރަތަމަ ހާފު ބޮޑަށް ޑޮމިނޭޓްކުރީ އަހްލީންނެވެ. އަހްލީން އެޓޭކް ރަނގަޅުކޮށް ކުޅެމުން ދިޔަ ނަމަވެސް، މިއާމީގެ ކީޕަރު ހުރީ އާދަޔާ ހިލާފު ފޯމެއްގައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އޮސްކާ އުސްތާރީ ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ. އެގޮތުން އަހްލީއަށް ލިބުނު ޕެނަލްޓީއެއްގައި ޓްރެޒެގޭ ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި މެސީގެ ހިލޭ ޖެހުމެއް ގޯލު ކައިރިން ބޭރަށް ދިޔަ އިރު، ފަހު މިނެޓުގައި އޭނާ ފޮނުވާލި ހަމަލާ އަހްލީގެ ކީޕަރު މުހައްމަދު އެލް ޝެނާވީ އަތުގައި ޖެހި އަމާޒުވީ ދަނޑިއަށެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް