އީރާނާ ދެކޮޅަށް އިޒްރޭލުން ހުކުރުދުވަހު ފެށި ހަގުރާމައިގެ ނަމަކީ އޮޕަރޭޝަން ރައިޒިން ލަޔަންއެވެ. ހޭލައިގަތް ސިންގާއެވެ. ސިންގާ ހޭލައިގެން އީރާނުގެ ގައިގައި ވަކިއަޅައި ނޮޅައިގަތް ވަގުތު ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރެއިން އީރާނުގެ މިތުރުންކަމުގައި ބެލެވުނު ޗައިނާ އާއި ރަޝިޔާ ކޮބައިހެެއްޔެވެ. ސިންގާ ހަދާނެ އެއްޗެއް ހަދަން އެސޮރުގެ ހިތަކަށް އީރާން ދޫކޮށްފައި ޗައިނާއާއި ރަޝިޔާ ބެޗީ ހެއްޔެވެ. ފިލީ ހެއްޔެވެ. ގިނަބަޔަކު ހީކުރިގޮތާ ޚިލާފަށް އީރާނަށް އެހީވުމުގެ ބަދަލުގައި އެ ދެގައުމު ހިމޭންކަން އިޚުތިޔާރުކުރީ ކީއްވެގެން ހެއްޔެވެ. މިއީ މިދަނޑިވަޅުގައި ވަން އޮންލައިނުގެ ކިޔުންތެރިންނަށް ޖަވާބު ބޭނުންވާނެ ސުވާލުތަކެކެވެ. އީރާނުގެ ދިފާއުގައި ޗައިނާ އާއި ރަޝިޔާއިން އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ސިއްރަކީ ކޮބައިހެއްޔެވެ. އީރާނުގެ ދިފާއު މިދެންނެވި ގައުމުތަކަށް މުހިންމު ނުވަނީ ހެއްޔެވެ. ދިރާސާކުރުމުގެ ދުރުމިއެއް އަޅައިގެން އެކަންކަމުގެ މައްޗަށް ފުންކޮށް ބަލައިލަމާބަހީއެވެ.

ޗައިނާގެ ސިޔާސަތަކީ ކޮބާ؟

އީރާނާއި އިޒްރޭލުގެ ކޯޅުންތަކުގައި ކުރީއްސުރެ ޗައިނާއިން ގެންގުޅެމުން އަންނަ ސިޔާސަތަކީ މާބޮޑަށް ވަކިއަތަކަށް ބުރަވެގެން ދެން އެކަމުން ނެއްޓިނުގަނެވިގެން އުޅެންޖެހޭ ހާލަތެއް މެދުވެރި ނުކުރުމުގެ ސިޔާސަތެކެވެ. ހުކުރުދުވަހު އިޒްރޭލުން އީރާނަށް ދިން ވައިގެ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ޗައިނާ ވަނީ ކުށްވެރިކޮށްފައެވެ. އީރާނުގެ ސިޔާދަތަށް އިޒްރޭލުން އަރައިގަތީކަމަށް ވަނީ ސިފަކޮށްފައެވެ. ހަގުރާމަ އިތުރަށް ފުޅާނުކޮށް ވަގުތުން ހަމަލާތައް ހުއްޓައިލުމަށް ޗައިނާ ވަނީ ގޮވާލައިފައެވެ. މިކަމަށް ގޮވައިލުން ފިޔަވައި އިތުރުކަމެއް ޗައިނާއަކުން ނުކުރެއެވެ. ސީދާގޮތެއްގައި އަސްކަރީ އެއްވެސް އެހީތެރިކަމެއް ފޯރުކޮށެއް ނުދެއެވެ. ހަތިޔާރުގެ ގޮތުންވެސްމެއެވެ. ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުންވެސްމެއެވެ. ޗައިނާއަށް މިރޮގުން ކޮށްދެވިދާނެ ބައިވަރު ކަންކަން އެބަހުއްޓެވެ. އެއިން އެއްވެސްކަމެއް ނުކޮށް އިޒްރޭލު ކުށްވެރިކޮށްފައި އެހިސާބުން ނިންމައިލުމުގެ ފަހަތުގައި ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ. އޭގެތެރެއިން މައިގަޑު ހަތަރު ސަބަބަކަށް ބަލައިލާނަމެވެ.

ތިލަފަތް އެއްވަރު ކުރުމާއި ވިޔަފާރީގެ މަސްލަހަތު

އެންމެ ފުރަތަމަ ސަބަބަކީ ތިލަފަތް ހަމަހަމަ ކުރުމުގެ މަގުސަދެވެ. ޗައިނާގެ ރަހުމަތްތެރިޔަކަށް އީރާނުވާ ބީދައިން އިޒްރޭލަކީވެސް ރަހުމަތްތެރިއެކެވެ. ޚާއްސަގޮތެއްގައި އީޖާދީ އައު ވިސްނުންތަކާއި ޓެކްނޮލޮޖީގެ ދާއިރާގައި ޗައިނާއާއި އިޒްރޭލުގެ ގުޅުން ބަދަހިވެފައި ވަރުގަދައެވެ. ހަމައެބީދައިން އީރާނާއެކުވެސް ސްޓްރެޓީޖިކް ބަދަހި ގުޅުމެއް އެބައޮތެވެ. މީގެ ހަތަރު އަހަރު ކުރިން 2021 ވަނަ އަހަރު ޗައިނާއާއި އީރާން ވަނީ އެއްބަޔަކު އަނެއްބައެއްގެ ތަރައްގީއަށް އެއްބާރުލުން ދިނުމާބެހޭ ފަންސަވީސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޗައިނާގެ އެންމެ ބޮޑު ސަމާލުކަމެއް އޮތީ މެދުއިރުމަތީގެ ގައުމުތަކާއެކު އިގްތިސާދީ ގުޅުން ދެމެހެއްޓުމަށެވެ. ޗައިނާގެ ޝައުގަކީ ވިޔަފާރިއެވެ. މެދުއިރުމަތީގެ މައްސަލަތަކާއި ހަގުރާމަތަކުގެ ތެރެއަށް ސީދާގޮތެއްގައި ވަނުމަކީ ޗައިނާގެ ދުރުރާސްތާގެ އަމާޒުތަކަށް އެޅިދާނެ ހުރަހެކެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުގައި މެދުއިރުމައްޗަކީ ވަރަށް މުހިންމު ސަރަހައްދެކެވެ. އަލިފާނަށް ދަރުއަޅައި ކޮޅުކޮޅު އިޚުތިޔާރު ކުރުމަކީ ޗައިނާއަށް ބޭނުންވާ ގޭހާއި ތެޔޮަފަދަ ހަކަތައިގެ ވަސީލަތްތައް ލިބިގަތުމަށް އެޅިދާނެ ހުރަހެއް ކަމަށް ޗައިނާއިން ގަބޫލުކުރެއެވެ.

މައްސަލަތަކުގެ ތެރެއަށް ބޯމަހައިނުލުން

އެއްވެސް ދުވަސްވަރެއްގައި ޗައިނާއަކީ މައްސަލަތަކުގެ ތެރެއަށް ބޯމަހައިލުމުގެ އާއްމު ސިޔާސަތެއް ގެންގުޅޭ ގައުމެއް ނޫނެވެ. މި ސިޔާސަތުން ބަޔަކު އިސްތިސްނާ ވަންޏާ އެބަޔަކީ އުތުރު ކޮރެޔާއާއި ޕާކިސްތާނެވެ. ޗައިނާއިން ބަލަނީ އެއީ ޗައިނާގެ އަމިއްލަ މަސްލަހަތު ކަމުގައެވެ. ސަބަބުތަކެއްވެސް ހުރެގެންނެވެ. އަސްކަރީ ކުރިމަތިލުންތަކުގައި ސީދާކޮށް ބައިވެރިނުވުމާއި މައްސަލަތަކަށް ސުލްހަވެރި ޑިޕްލޮމެޓިކް ހައްލެއް ގެނައުމަށް އިސްކަންދިނުމަކީ ޗައިނާގެ ޚާރިޖީ ސިޔާސަތުގެ މުހިންމު ބައެކެވެ. އަސްކަރީގޮތުން ޗައިނާއިން ދުނިޔެއަށް ދައްކަން ބޭނުންވަނީ ވަކިއަތަކަށް ނުޖެހުމުގެ މޫނެކެވެ. އެންމެނަށްވެސް އިހުތިރާމްކުރާ އަދި މައްސަލަތަކަށް ސުލްހަވެރި ނިމުމެއް ގެނައުމަށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައެވެ. ރަޝިޔާއާއި ޔުކްރޭނުގެ ހަގުރާމައިގައިވެސް ފާޅުގައި ރަޝިޔާ ކޮޅަށް ނާރައި ވަކިއަތަކަށް ނުޖެހެމޭ ނުޖެހެމޭ ކިޔައިގެން އެތިބެނީ އެހެންވެއެވެ. މިކަމުންވެސް ބަޔަކު އިސްތިސްނާ ކުރެވިފައިވާނަމަ އެބަޔަކީ ޕާކިސްތާނެވެ. އޭގެ ސަބަބުތަކަކީ މުޅިން އެހެން މައުޒޫއަކަށްވާތީ ދޫކޮށްލީއެވެ.

ރަޝިޔާގެ ހިމޭންކަމުގެ ސިއްރަކީ ކޮބާ؟

ގިނަބަޔަކު ހީކޮށްގެންތިބިގޮތާ ޚިލާފަށް އީރާނުގެ ދިފާއުގައި ރަޝިޔާ ތެދުނުވުމުގެ ފަހަތުގައި ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ސްޓްރެޓީޖިކް ސަބަބުތަކާއި އިކޮނޮމިކް ސަބަބުތަކެވެ. އަދި ލޮޖިސްޓިކަލް ސަބަބުތަކެވެ. މިސަބަބުތަކުގެ ތެރެއިން މައިގަޑު ފަސް ސަބަބަކަށް އަލިއަޅުވައިލާނަމެވެ. ޗައިނާއެކޭ އެއްފަދައިން ރަޝިޔާގެ މައިގަޑު ވިސްނުމަކީވެސް ތިލަފަތް ގުޑުވައިނުލުމުގެ ވިސްނުމެވެ. އީރާނެކޭ އެއްފަދައިން އިޒްރޭލާއެކުވެސް ގުޅުން ދެމެހެއްޓުމުގެ ވިސްނުމެވެ. މިހަގުރާމައިގެ ތެރޭގައި ރަޝިޔާއިން ހިލޭސާބަހަށް ބައިވަރު ހަތިޔާރުތަކެއް އީރާނަށް ދީފިއްޔާ އިޒްރޭލާއެކު އޮންނަ ގުޅުމަށް އަސަރުކުރާނެއެވެ. އެވަރަކުން އަދި ނުނިމޭނެއެވެ. ސައޫދީއަރަބިޔާ އާއި އެމިރޭޓްސްއާއި ގަތަރާއެކު ދަމަހައްޓާ ގުޅުމަށްވެސް ލޮޅުންތަކެއް އަރާނެއެވެ. ފަހުން މިދެންނެވި ގައުމުތަކާއެކު ގުޅުން ގޯސްވުމަކީ މިދަނޑިވަޅުގައި ރަޝިޔާއަށް ފަރުޖެއްސެންއޮތް ކަމެއް ނޫނެވެ. އެއްގޮތަކުން ބަލާއިރު އީރާނަށްވުރެވެސް މިދެންނެވި ގައުމުތައް ރަޝިޔާއަށް މިވަގުތު މުހިންމެވެ.

ދިފާއީ އެއްބަސްވުމެއް އެބައޮތްތަ؟

މިއަހަރުގެ ޖެނުއަރީމަހު ރަޝިޔާއާއި އީރާނުގެ މެދުގައި ސްޓްރެޓީޖިކް ޕާޓްނަރޝިޕް މުއާހަދާއެއްގައި ސޮއިކުރެވިފައިވެއެވެ. މިއީ ދިފާއީ މުއާހަދާއެއް ނޫނެވެ. ހަގުރާމައިގެ ހާލަތުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވުން ލާޒިމުކުރާ މުއާހަދާއެއް ނޫނެވެ. އެފަދަ މުއާހަދާއެއް ނެތެވެ. ރަޝިޔާ އެއޮތީ ޔުކްރޭނުގެ ހަގުރާމައިގެ ސަބަބުން ވަރަށްބޮޑު ތާށިކަމެއްގެ ތެރޭގައެވެ. ޒަމާނީ ހަތިޔާރުގެ ނިޒާމުތައް އެހެންބަޔަކަށް ފޯރުކޮށްދެވޭނެ ހާލަތެއް ނެތެވެ. އެސް- ފޯރހަންޑްރެޑް މަރުކާގެ އެއަރ ޑިފެންސް ޔުނިޓްތަކާއި އެސްޔޫ-ތާރޓީފައިވް މަރުކާގެ ޖެޓް ފައިޓަރުތައް އީރާނަށް ކުރުމުއްދަތެއްގެ ތެރޭގައި ސަޕްލައި ކުރުމަކީ މިވަގުތު ރަޝިޔާއަށް ވަރަށް ދަތިކަމެކެވެ. މިވަގުތު ރަޝިޔާއަށް ޖެހިފައިއޮތީ އަމިއްލަ ދިފާއުގައި ވަސީލަތްތައް ބޭނުން ކުރުމަށެވެ. އެހެންބަޔަކާމެދު ވިސްނައިލަން ޖާގައެއްނެތެވެ. ލިބޭ ކޮންމެ ދަޑިވަޅެއްގައި ޔުކްރޭނުން އެދަނީ ރަޝިޔާގެ ގަޔަށް ކަށިހަރަމުން ދުއްޕާން ކުރަމުންނެވެ. އެކަމުން މިންޖުނުވެވޭހައި ދުވަހަކު ރަޝިޔާއަށް ހަށިފުރާ ނޭވައެއްވެސް ލެވޭކަށް ނެތެވެ.

އީރާނަކީ ރަޝިޔާގެ ވާދަވެރިއެއްތަ؟

ޖަވާބަކީ އާނއެކޭއެވެ. ސިޔާސީ ގިނަ ކަންކަމުގައި ފަހަކަށްއައިސް އެއްގަލަކަށް އަރައިގެން އުޅުނަސް މިއީ ދެ ވާދަވެރިންނެވެ. އިގްތިސާދީ ދާއިރާގައެވެ. ދެގައުމުގެ އިގްތިސާދުގެ ބިންގަލަކީވެސް ތެލާއި ގޭހެވެ. އީރާނަށް ދެރަލިބިގެން އީރާނުގެ އެކްސްޕޯޓަށް އުނިކަން ލިބިއްޖެނަމަ އެބައި ފޫބެއްދުމުގެ ފުރުސަތު ލިބޭނީ ރަޝިޔާއަށެވެ. ޚާއްސަކޮށް ޗައިނާއަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގައެވެ. އެހެންވީމާ އީރާނުގެ ކޮންމެ ވެއްޓުމަކުން ރަޝިޔާއަށް އިގްތިސާދީ މަންފާ ނެގެން އެބައޮތެވެ. އެކަމަށް އިންތިޒާރު ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ. މިއީ އެޒާތުގެ ފުރުސަތެއް ރަޝިޔާއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެވެ. ދެންއޮތީ އިތުބާރުގެ މައްސަލައެވެ. ރަޝިޔާއާއި އީރާނަކީ ދެ އަވަށްޓެރިންނެވެ. ދެގައުމުގެ ގުޅުންތަކުގެ މިސާލަކީ އަޑިގަޑަކަށްފަހު އުސްގަޑެއް އައުމެވެ. މިކަމަކީ އެތައް ސަތޭކަ އަހަރުވީ ޓްރެންޑެކެވެ. އެހެންވީމާ އެއްބަޔަކު އަނެއްބަޔަކަށް އިތުބާރުކުރުން ވަރަށް ކުޑައެވެ. އީރާނުގެ އުތުރުގައި މިހާރު އެއޮތް އަޒަބައިޖާނަކީ އީރާނާ ދެކޮޅަށް ރަޝިޔާއިން ހިންގި އުދުވާނެއްގެ ނަތީޖާއެވެ. މިކަން އީރާނު މީހުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ބާވައެވެ. ހިޔެއް ނުވެއެވެ.