މީގެ ކުރިން އޮންނަ އުސޫލުން ކްލަބު ވޯލްޑް ކަޕްގައި ވާދަކުރަނީ ބައްރުތަކުގެ ޗެމްޕިއަނުން އެކަންޏެވެ. އެ މުބާރާތް ކޮންމެ އަހަރަކު ބާއްވަމުން ދިޔައެވެ. އެހެން ބާއްވަމުން ދިޔަ މުބާރާތަކީ މާ ބޮޑަށް ވައިގައި ހިފި މުބާރާތެއްވެސް ނޫނެވެ. އާއްމުކޮށް ޔޫރަޕުން ވާދަކުރާ ޓީމު ދެ މެޗެއް ކުޅެލައި، ތަށި ނަގަނީއެވެ. އޭރު އޮތް ގޮތަށް ނިމުން ގެންނަން އާ ފޯމެއްޓްގެ ކްލަބު ވޯލްޑް ކަޕް ފީފާއިން އިއުލާނުކުރީ 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕަށްފަހުއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ ފަހަރު އިއުލާނުކުރީ 32 ޓީމާއެކު، ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކްލަބު ވޯލްޑް ކަޕް ބާއްވާށެވެ. އެއީ ގައުމުތަކުގެ ވޯލްޑް ކަޕް އޮންނަ އުސޫލުންނެވެ. މިފަހަރު ބާއްވަން މިއުޅޭ މުބާރާތް މަހެއްހާ ދުވަހަށް ދެމިގެންދާނެއެވެ. ޓީމުތައް ދަތުރުކޮށް، މުބާރާތް ކުޅޭނީވެސް ވަކި ހާއްސަ ގައުމެއްގައެވެ. އެއީ އެމެރިކާގައެވެ.

އާ ކްލަބު ވޯލްޑް ކަޕާއެކު ތަފާތު ދިމަދިމާލުން ތަފާތު ވާހަކަތައް ދެކެވިއްޖެއެވެ. ކުޅުންތެރިންނަށް ބުރަ ބޮޑުވާ މައްސަލައިގެ އިތުރުން، ޓިކެޓް ވިއްކުމުގައި ހުރި ދަތިތަކުގެ ވާހަކައެވެ. ޓީމުތަކުން މުބާރާތް ސީރިއަސްކޮށް ނަގާނެތޯ ކުރެވޭ ސުވާލުތައްވެސް އޮތް އިރު، އިންތިޒާރަށް މިރޭ ފަތިހު ނިމުން އަންނާނެއެވެ.

ފީފާގެ ރައީސް ޖިއާންނި އިންފަންޓީނޯ -- ފޮޓޯ: ރޮއިޓާސް

ފީފާ ވޯލްޑް ކަޕް 2026 އަންނަ އަހަރު އެމެރިކާގައި އޮންނަ އިރު، މިއީ އެމެރިކާއަށް ލިބޭ ރިހާސަލް ފުރުސަތެކެވެ. އަލް އަހްލީއާއި އިންޓަ މިއާމީ ވާދަކުރާ މެޗުން މިރޭ ކްލަބު ވޯލްޑް ކަޕް ފަށާނީ، ޔޫރަޕްގެ ވަރުގަދަ ބާރުތަކާއެކުގައެވެ. އިންތިޒާމުތަކަށް ޗެލެންޖް ނެތިއެއް ނޫނެވެ.

ޓިކެޓް ވިކުމުގެ މައްސަލައެއް: އިންފަންޓީނޯ ރައްދު ދިން

މެޗުތައް ފަށަން މަދު ވަގުތުކޮޅަކަށްވެފައިވާ އިރު، އެމެރިކާގެ ސަގާފަތާއި ކުޅިވަރުގެ ރޫހު އޮތް ގޮތުން މެޗުތަކުގެ ޓިކެޓް ވިކުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ދުނިޔޭ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީގެ އިންޓަ މިއާމީން މިރޭ މުބާރާތް ފަށާ އިރު، މެޗު އޮންނާނީ ހާޑް ރޮކް ސްޓޭޑިއަމްގައެވެ. އެއީ އަންނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައްވެސް ކުޅެން ރާވާފައިވާ އެއް ދަނޑެވެ. 65،000 މީހުންނަށް ވަދެވޭ އެ ސްޓޭޑިއަމް ފުރާލުމަށް ވިއްކަން މަސައްކަތް ކުރި ޓިކެޓް، އެކަށީގެންވާ ގޮތެއްގައި ނުވިކިގެން ކޮލެޖެއްގެ ކުދިންނަށް ހާއްސަ އޮފާއެއް ދިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން މިއާމީ ޑާޑޭ ކޮލެޖުގެ ކުދިންނަށް 14.70 ޕައުންޑަށް ހަތަރު ޓިކެޓް ލިބޭ އޮފާއެއް ފީފާއިން އެކުލަވާލި ކަމަށް ނޫސްތައް ބުނެއެވެ. ޓިކެޓް ވިއްކުމުގެ ހާއްސަ ސައިޓެއް ކަމަށްވާ ޓިކެޓް މާސްޓާއިން އިއްޔެއާ ހަމައަށްވެސް އެ މެޗުގެ ޓިކެޓް ހުހެއް ނުވެއެވެ. އަގުހެޔޮ ޓިކެޓް 48 ޕައުންޑަށް ހުރި އިރު، ކްލަބު ވޯލްޑް ކަޕަށް މިދިޔަ ޑިސެމްބަރު މަހު ޓިކެޓް ވިއްކަން ހުޅުވާލި އިރު، އެންމެ އަގުހެޔޮ ޓިކެޓް ހުރީ 257 ޕައުންޑަށެވެ.

މެސީ އިންޓަ މިއާމީ ޖާޒީގައި --- ފޮޓޯ/ މޭޖާ ލީގު ސޮކާ

އެ ވާހަކަތަކާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ސްޓޭޑިއަމްތައް ފުރި، ވަރުގަދަ ތާރީހީ ސަޕޯޓެއް މުބާރާތުގައި ފެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށެވެ.

އިންފަންޓީނޯ ބުނީ އިންޓަ މިއާމީއަކީ ދުނިޔެއަށް މަގުބޫލު ކްލަބެއް ކަމަށާއި، އަލް އަހްލީއަކީ އެފްރިކާގެ އެތައް ބަޔަކު ސަޕޯޓުކުރާ ޓީމެއް ކަމަށްވުމާއެކު ސަޕޯޓަރުން ގިނަ ވާނެ ކަމަށެވެ.

އިންފަންޓީނޯ ފާހަގަކުރެއްވީ ކްލަބު ވޯލްޑް ކަޕަށް ޓިކެޓް ވިއްކަމުން ދަނީ ޑިމާންޑާ އެއްވަރަށް އަގުތައް ބަދަލުކުރާ ސިސްޓަމަކަށް ކަމަށާއި، ގިނަ މެޗުތަކަށް ފަހުވަގުތާ ޖެހެންދެންވެސް ޓިކެޓް ހުންނަނީ އަގަށް ބަދަލު ގެނެސް ވިއްކަމުންދާތީ ކަމަށެވެ.

އިންފަންޓީނޯގެ އެ ވާހަކަތަކަށް ބަލާއިރު، ބައެއް މެޗުތަކަށް ޓިކެޓް ޑިމާންޑް ބޮޑުވުމުން އަގުބޮޑުވެފައިވެސްވެއެވެ. އެގޮތުން މިވަގުތު އެންމެ އަގުބޮޑުކޮށް ޓިކެޓް ލިބެން ހުރި އެއް މެޗަކީ ރެއާލް މެޑްރިޑާއި އަލް ހިލާލް ވާދަކުރަން އޮތް ގްރޫޕް ސްޓޭޖު މެޗެވެ. އެ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގަކީ 166 ޕައުންޑެވެ.

އިންފަންޓީނޯގެ ނަޒަރުގައި 1930 ގައި ވޯލްޑް ކަޕް ފެށިގެން އައި އިރު، އެ ލިޔެވެން ފެށި ތާރީހު، ކްލަބު ވޯލްޑް ކަޕުންވެސް ލިޔެވެން ފެށޭނެއެވެ. ފުޓުބޯޅައިގެ އާ ބާބަކާއެކު ސަޕޯޓަރުންގެ މަންޒަރު ފެންނާނީ މެޗުތައް ފެށުމުންނެވެ.

ތައްޔާރީތަކަށް ސަމާލުކަން ކުޑަ

އިންގްލެންޑްގެ އިތުރުން ލިވަޕޫލަށް ކުރިން ކުޅުނު ޑިފެންޑަރު، މިހާރު ޓީވީ އެނަލިސްޓް ޖޭމީ ކެރެގާގެ ނަޒަރުގައި ކްލަބު ވޯލްޑް ކަޕަށް އެއްވެސް ކްލަބެއްގެ، ކުޅުންތެރިއެއްގެ އަދި ސަޕޯޓަރެއްގެވެސް ފުރިހަމަ ސަމާލުކަމެއް ނެތެވެ. އެއީ ދެތަކަށްވެސް ވެދާނެއެވެ. އެހެންވިޔަސް އެކަމާ ދެކޮޅަށްވެސް ވާހަކަ ދެކެވިދާނެއެވެ.

ފީފާ ޗެނަލާ ވާހަކަދައްކަމުން ބަޔާން މިއުނިކްގެ އިންގްލެންޑް ފޯވަޑް ހެރީ ކޭން ބުނީ ކްލަބު ވޯލްޑް ކަޕަކީ "ތަފާތު ތަޖުރިބާ"އަކަށް ވާނެ ކަމަށެވެ. އަދި ޗެލްސީ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒްގެ ނަޒަރުގައި މުޅި ދުނިޔެ، ކްލަބު ވޯލްޑް ކަޕް ބަލާނެއެވެ.

ޔޫރަޕުން މުބާރާތުގައި ވާދަކުރާ ޓީމުތަކުން ވަރުގަދަ ސްކޮޑުތަކެއް އިއުލާނުކޮށްފައިވާ އިރު، ފީފާއިން ޓްރާންސްފާއަށް ދިން ފުރުސަތުގައި ކްލަބުތަކުން ހަލަބޮލިކޮށް މަސައްކަތް ކުރިވެސް މެއެވެ. އެގޮތުން މެންޗެސްޓާ ސިޓީން 100 މިލިއަން ޕައުންޑް ވަރު ހަރަދުކުރިއެވެ.

ރެއިންޑާސް: ސިޓީން އޭނާ ގެންދިޔައީ ކްލަބު ވޯލްޑް ކަޕަށް ---

ކްލަބުތައް އެ ތައްޔާރީތައް ވީ ނަމަވެސް، އެމެރިކާގެ ސިޓީތަކުން، މިއާމީންވެސް މާ ބޮޑު އިޝްތިހާރެއް ނުފެންނަ ކަމަށް ނޫސްތައް ބުނެއެވެ. ހާއްސަކޮށް އެހެން ބައެއް ފުޓުބޯޅައިގެ ގައުމުތަކުން މުބާރާތްތަކަށް ތައްޔާރުވާ އުސޫލުން އެއްވެސް ސިޓީއެއް އެކަމަށް ގޮސް ހުސްވެފައި ނުވާ ކަމަށް ނޫސްތައް ބުނެއެވެ.

ކުރިން އެމެރިކާ ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައިވާ ޖާގެން ކްލިންސްމަންގެ ނަޒަރުގައި ކްލަބު ވޯލްޑް ކަޕަށް އެމެރިކާގެ ޝައުގު އެބަހުއްޓެވެ. އެހެން ނަމަވެސް، އޭނާ ބުނީ އެމެރިކާ މީހުންނަކީ ވަކި އިވެންޓްތަކެއް ނަގައިގެން އަބަދުވެސް ތިބޭ ބައެއް ކަމަށާއި، ކްލަބު ވޯލްޑް ކަޕް ފެށުމާއެކު އެކަމާ އުޅެގަތުންވެސް ގާތް ކަމަށެވެ. އަދި ޔަގީނުންވެސް އަންނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕަށް، ކްލަބު ވޯލްޑް ކަޕުން ފައިދާ ކުރާނެ ކަމަށް ކްލިންސްމަން ބުންޏެވެ.

ކްލަބު ވޯލްޑް ކަޕުން ބުރަ ބޮޑުވުމާއި، ފައިސާ ބަހާ ގޮތަށް ޝަކުވާ

ކްލަބު ވޯލްޑް ކަޕަށް އެކިއެކި ފާޑުކިޔުންތައް، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރިމަތިވިއެވެ. އެއް ކަމަކީ ކްލަބު ވޯލްޑް ކަޕާ ހެދި ކުޅުންތެރިންނަށް ބުރަ ބޮޑުވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކެކެވެ. މިދިޔަ ހަފުތާ ތެރޭގައިވެސް ލަ ލީގާގެ ރައީސް ހާވިއާ ތޭބާސް ވަނީ ކްލަބު ވޯލްޑް ކަޕަކީ "ބުއްދި ގަބޫލުނުކުރެވޭ، ބޭކާރު މުބާރާތެއް،" ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް އެއްވެސް ލަފައެއް ނުހޯދާ ކަމަށް ބުނެ، ފީފާއަށް ފާޑުވެސް ވިދާޅުވިއެވެ.

ކުޅުންތެރިންގެ ޔޫނިއަން ކަމަށްވާ ފިފްޕްރޯއިން، ފީފާއާ ދެކޮޅަށް ކޯޓަށްވެސް ދިޔައީ ކުޅުންތެރިންނަށް ބުރަ ބޮޑުވާ ކަމަށް ބުނެއެވެ. އެ ޔޫނިއަނުން ބުނީ ކުޅުންތެރިންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ފީފާއިން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރި ކަމަށެވެ.

އެކަމާ ފީފާއިން ދެކޮޅެވެ. ކުރިން ކުޅެން ޖެހޭ ކޮންފެޑެރޭޝަންސް ކަޕްވެސް ނުބާއްވައި، ކްލަބު ވޯލްޑް ކަޕް ބާއްވާ އިރު، އެ މުބާރާތުގައި އެންމެ ވަރުގަދަ ޓީމުތަކަށްވެސް ގާތްގަނޑަކަށް ކުޅެން ޖެހެނީ ހަތް މެޗު ކަމަށް ފީފާގެ އިސް އޮފިޝަލަކު ބުނެފައިވެއެވެ. އެހެންކަމުން ހަތަރު އަހަރުން އެއް އަހަރު މުބާރާތް އޮތުމަކީ ބުރައަކަށް ވެގެން ނުވާނެ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

ދެން އޮތީ ފައިސާގެ ވާހަކައެވެ. ކްލަބު ވޯލްޑް ކަޕަކީ މިހާތަނަށް އެންމެ ބޮޑު އެއް އިނާމު ފައިސާ ދޭ އެއް މުބާރާތެވެ. އެ މުބާރާތުގެ އިނާމު ފައިސާގެ ޖުމުލަ އަދަދު 775 މިލިއަން ޕައުންޑަށް އަރާ އިރު، އެ ބަހާނީ ޓީމުތައް ކުރިއަށްދާ ގޮތުންނެވެ. ޗެމްޕިއަން ޓީމަކަށް 97 މިލިއަން ޕައުންޑް ވަރުގެ އަދަދެއް ލިބޭނެއެވެ.

ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ފައިސާ ދޭން ނިންމާފައިވާ އިރު، އެ ފައިސާ ޔޫރަޕްގެ ޓީމުތަކަށް ބޮޑުވުމުން، އެކަމާ ޝަކުވާ އުފުލާ ކްލަބުތައް އެބައޮތެވެ. އެގޮތުން އެމެރިކާ ލީގުގެ ސިއޭޓަލް ސައުންޑާސްއާއެކު ބައެއް އިތުރު ކުޅުންތެރިންވެސް އެކަމަށް އަޑު އުފުލާފައިވާ އިރު، ސިއޭޓަލް ސައުންޑާސްއިން އެންމެފަހުން ކުޅުނު މެޗުގެ ކުރިން ވާމްއަޕް ކުރީ "ކޭޝް ގްރެބް" ޖަހާފައިވާ ޓީޝާޓްތަކެއްގައެވެ. އެއީ ފީފާއާ ދެކޮޅަށް އަޑު އުފުލުމަށެވެ.

ކޭޝް ގްރެބް ޓީ ޝާޓްތަކުގައި ވާމް އަޕް ކުރުމުގައި ---

އެހެން ނަމަވެސް، ފީފާގެ އެ ނިންމުން ގޯސް ނޫން ކަމަށްވެސް ބައެއް ތަޖުރިބާކާރުން ބުނެފައިވާ އިރު، ސަޕޯޓަރުން މާ ބޮޑަށް ސީރިއަސްވެސް ތިއްބައި ބޮޑު މުބާރާތެއް ބޯމަތިވެއްޖެއެވެ. ހަމަ ޔަގީނުންވެސް ފުޓުބޯޅައިގެ މަންޒަރަށް އައި ބޮޑު ބަދަލެކެވެ. ދިވެހީންނާއި މުޅި ރާއްޖެއަށް މުބާރާތުގެ އަސަރު ކުރަނީ ކިހާވަރަކަށްތޯ ބަލަމާ ހިނގާށެވެ.