މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާ އާއެކު އެންމެ ފަހުން އުޅުނު އަދި އެ މައްސަލައިގައި ދައުވާ ކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ރާއްޖެއިން ފުރާފައިވާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރައުދު ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމި އެބަ އޮތް ކަމަށެވެ.

"ރައުދު ރާއްޖެއިން ބޭރަށް ފުރާފައިވާކަމަށް ދެކެވޭ ވާހައަކީ ހަގީގަތާއި ހިލާފު ވާހަކައެއް" ފުލުހުން ބުންޏެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ ރައުދުގެ މައްޗަށް ދައުވާކުރަން މި މަހު ހަތަރު ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ.

އެ ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އަންނާނީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލައިގައި ރައުދު ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވަނީ އެ އަދަބަށްވުރެ ގިނަ ދުވަހު އޭނާ ޖަލުގައި ހުންނަން ޖެހިދާނެތީ އެވެ. އެ މައްސަލައިގައި ރައުދު ހައްޔަރުކުރީ އޭޕްރީލް 24ގަ އެވެ. އަދި އޭނާ ބަންދުން ދޫކޮށްލީ މެއި 27ގަ އެވެ.