އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމްއަކީ އަމިއްލަ ކޮންޓްރޯލް ގެއްލި، ރުޅިގަދަވާ ކުޅުންތެރިއެއް ނޫން ކަމަށާއި، އެއީ ހާއްސަ ކުޅުންތެރިއެއް ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

އިންގްލެންޑުން އެންމެފަހުން ކުޅުނު މެޗުގައި 3-1 އިން ސެނެގާލް ކައިރިން ބަލިވެފައިވާ އިރު، އެ މެޗުގެ ނަތީޖާ 2-1 ގައި އޮއްވައި ބެލިންހަމް ފޮނުވާލި ބޯޅައެއް ގޯލަށް ވަނެވެ. އެހެން ނަމަވެސް، ރެފްރީ ވީއޭއާރް ބަލައި ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ. އެ ހިސާބުން ބެލިންހަމް ވަނީ ރުޅިގަދަވެ ރެފްރީއަށް ފާޑު ކިޔައިފައެވެ.

އެ ކަންތައްތަކާ ގުޅިގެން ވާހަކަދައްކަމުން ޓުޗެލް ބުނީ ބެލިންހަމްގެ ރޫހަކީ ފަހަތަށް ޖައްސާލަން ޖެހޭނެ ރޫހެއް ނޫން ކަމަށާއި، އެ ޖޯޝު ރަނގަޅު މިސްރާބަށް އަނބުރާލެވިއްޖެނަމަ ބޭނުންތެރި ވާނެ ކަމަށެވެ.

"އަހަންނަށް ހީވަނީ ބެލިންހަމްގެ ފަރާތުން އެ ފެންނަ ޖޯޝާ ރޫހަކީ އަހަރެމެންނަށް މުހިއްމު އެއްޗެއްހެން. އެ ޖަޒުބާތު ޖެހޭނީ ރަނގަޅު މިސްރާބަކަށް އަނބުރާލަން. އޭރުން އަހަރެމެންނަށް ރަނގަޅު ކަންތައްތަކެއް ހާސިލުކުރަން އެހީވެދޭނެ،" ޓުޗެލް ބުންޏެވެ.

ޓުޗެލް ބުނީ ބެލިންހަމްއަމީ ގައުމީ ރޫހު ރަނގަޅު ކުޅުންތެެރިއެއް ކަމަށާއި، އިންގްލެންޑުން ބޭނުންވާ ވަރުގަދަ ނަތީޖާތައް ނެރުމުގައި އޭނާގެ އެހީތެރިކަން ހޯދިދާނެ ކަމަށެވެ. އަދި ބެލިންހަމް ކޮންޓްރޯލް ނައްޓުވާނުލައި، އެ ހަކަތަ އިދިކޮޅު ޓީމާ ދެކޮޅަށް ބޭނުންކުރެވިއްޖެނަމަ އިންގްލެންޑަށް މެޗުތައް ނަގަން ފަސޭހަވާނެ ކަމަށްވެސް ޓުޗެލް ބުންޏެވެ.