ފިހާރައަކުން 16 މަސްދަޅު ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ، ރޯޝަނީގެ، އަބްދުﷲ ސަމީރު (59އ) އެވެ. ފުލުހުން އޭނާއަށް ކުރަނީ ވައްކަމުގެ ކުށުގެ ތުހުމަތެވެ.
ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ފުލުހުން ކޯޓުގައި ބުނީ މާލޭގެ މަގުތައް ޕެޓްރޯލް ކުރަމުން ދަނިކޮށް ކާނޭޝަންމަގު/ ފާމާސް ފުރުޓް އެންޑް ވެޖްޓެބަލް ފިހާރައިން މީހަކު ގޮވުމުން، އެ ސަރަހައްދަށް ހާޒިރުވެފައި ވާނެ ކަމަށެވެ. ފުލުހުން އެ ސަރަހައްދަށް ދިއުމުން، ފިހާރައިގެ ވެރިފަރާތުން ވަނީ ވައްކަންކުރަން އުޅުނު މީހަކު ހިފައްޓާފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ވައްކަން ކުރަން އުޅުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައުލޫމާތު ސާފުކުރުމުން އޭނާ ވަގަށް ނަގަން މަސައްކަތްކުރީ ފެލިވަރު ބްރޭންޑުގެ 16 މަސްދަޅުކަން އެނގުނުކަމަށް ފުލުހުން ބުންޏެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން "އޭނާއަށް ވައްކަން ކުރެވުނީކަމަށް" ތަހުގީގަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަބްދުﷲ ސަމީރަކީ 26 ފަހަރު އެކި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އޭގެ ތެރެއިން 16 ފަހަރެއްގައި ކޯޓުން ވަނީ އޭނާގެ ބަންދު ޖަހައިދީފައި ކަމަށެވެ. އަބްދުﷲ ސަމީރަކީ ވައްކަމުގެ މައްސަލަތައް ގިނަ މީހެއް ކަމަށާއި އޭނާ އުޅެމުންދަނީ ކުށުގެ ވެށީގައި ކަމަށް ފުލުހުން ބުންޏެވެ.
އެ ހުރިހާ ކަމެއް ފާހަގަކުރުމަށްފަހު ފުލުހުން އެދުނީ ވީހާވެސް ކުރު މުއްދަތަކަށް އަބްދުﷲ ސަމީރުގެ ބަންދު ޖަހައި ދިނުމަށެވެ.
އަބްދުﷲ ސަމީރު ފިހާރައިން ވައްކަންކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާތީ އަދި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމާތަށް ނުރައްކާ ވެދާނެތީ ކޯޓުން ވަނީ އަބްދުﷲ ސަމީރުގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
މުހައްމަދު އިޝާން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން