ގދ. ގައްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ރަޝީދު އަވަހާރަވުމުން އޭނާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ސުކޫތެއް ގެނެސްފި އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ރަޝީދުގެ ހަނދާނުގައި ގެނެސްފައިވަނީ އެއް މިނިޓުގެ ސުކޫތެކެވެ.
ސޫކުތަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މުހިންމު މަސައްކަތްތަކެއް ރަޝީދު ވަނީ ކުރައްވައިފައި ކަމަށެވެ.
ރަޝީދު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުކަން ކުރައްވައިފައެވެ.
ރަޝީދަކީ ގިނަ ދުވަސްތަކެއް ވާންދެން ސިޔާސީ މަސައްކަތްތަކުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އުވާލާފައިވާ ޕީޕީއެމްގެ ސެނެޓް މެންބަރެކެވެ.
ރަޝީދު އަވަހާރަވުމާ ގުޅިގެން ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިއްޔެ ވިދާޅުވެފައިވަނީ ރަޝީދާ އެކުގައި ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާނެ ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ރަޝީދު އަވަހާރަވުމުގެ ހިތާމާގައި ބައިވެރިވެވަޑައިގެން އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަޝީދަކީ އެކުގައި މަސައްކަތްކުރަން ފަސޭގހަ މީހުންނާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.
މުހައްމަދު އިޝާން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް