ރާއްޖެއިން، ނޭޕާލަށް ކަނޑައަޅައިފައިވާ ނަން ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް މާލެ، މ. ބީނާފުށި، އައިޝަތު އަޒީމާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަފީރުންނާ ހިލާފަށް، ނޮން ރޮޒިޑެންޓް ސަފީރުންނަކީ އެ ގައުމެއްގައި ސީދާ ގާއިމު ވެ ނުތިބެ އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހީންގެ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރެއްވުމަށް ހަވާލުވާ ފަރާތެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޒީމާ އެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ 59 މެންބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.

އަޒީމާއަކީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އޭނާ ސަފީރުގެ މަގާމަށް އައްޔަންކުރެއްވީ 28 އޮކްޓޫބަރު 2024 ގަ އެވެ.

ސަފީރުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަޒީމާ ވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީގެ މަގާމާއި މިނިސްޓާ ކައުންސެލާގެ މަގާމު އަދާކުރައްވައިފައެވެ.

އޭނާ ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޑިރެކްޓަރު ކަމުގެ އިތުރުން ޖޮއިންޓު ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވައިފައެވެ.