ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މެދުވެރިވެ، ކްލަބުތަކަށް ސަރުކާރުން ދީފައިވާ ސަބްސިޑީ ފައިސާއަށް ކްލަބުތަކުގެ ވެރިން ހިޔާނާތްތެރިވި މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރު ވެސް ދިވެހި ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިއްސާވާ ކުންފުންޏަކަށާއި އެފްއޭއެމްގައި އޭރު މަސައްކަތް ކުރި ފަރާތްތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތައްވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ބައްސާމާ ގުޅުންހުރި މައްސަލަތަކެއް ޕީޖީއަށް ފޮނުވާ މިހާރު ދައުވާކުރުމަށްފަހު، އަޑު އެހުންތައްވެސް ބާއްވަމުންދާ އިރު، އެ މައްސަލަތަކުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ. އެ ހިޔާނާތްތަކުގެ މައްސަލައިގައި ފީފާއިންވެސް ބައްސާމް ސަސްޕެންޑް ކޮށްފައިވެއެވެ.
ފުލުހުން މިއަދު ބުނީ އޭގެ އިތުރުންވެސް އެފްއޭއެމްއިން ކްލަބުތަކަށް ދެމުންދިޔަ ސަބްސިޑީ އެކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށްދާ ކަމަށެވެ.
މީގެ އަހަރުތަކެއް ކުރީން 2017 ވަނަ އަހަރު އޭރުގެ ސަރުކާރުން ކުންފުނިތައް މެދުވެރިވެ، ކްލަބުތަކަށް ތިން މިލިއަން ހިލޭ އެހީ ދޭން ފެށިއެވެ. އެއީ ކްލަބުތަކަށް ސްޕޮންސަޝިޕް ހޯދަން އުނދަގޫވުމާއި ފައިސާގެ ތަކުލީފުތަކަށް ނިމުން ގެންނަން އޭރު ސަރުކާރުން އެފްއޭއެމްއާ ގުޅިގެން ފެށި މަސައްކަތެކެވެ.
އޭގެފަހުން ދެން އައި ސަރުކާރުގައި އެކަން ހުއްޓާލުމުން، ފަހުން އެފްއޭއެމްއިންވެސް ކްލަބުތަކަށް ފައިސާ ދީފައިވާ އިރު، އެ ދެމުންދިޔައިރުވެސް ފައިސާގެ ހަރަދުތަކުގައި ބޮޑެތި މައްސަލަތައް ފާހަގަވެފައިވެއެވެ. އެގޮތުން ކްލަބުތަކުގެ އެކައުންޓްތައްވެސް ރަނގަޅަށް ބޭނުންކުރެވިފައިނުވާކަން ގިނަ ފަހަރު މަތިން ފާހަގަވެފައިވެއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް