ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި މިއަދު ޓިމޯ ލެސްޓޭ އަތުން ބަލިވެއްޖެއެވެ.
އޮސްޓްރޭލިއާގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ގައުމީ ޓީމުން އެންމެފަހުން ކުޅުނު ފަސް މެޗުންވެސް ބަލިވެފައިވާ އިރު، އެއީ، އެކުވެރިކަމުގެ މެޗުތަކުގައި ބަންގްލަދޭޝާއި އިންޑިއާ އަދި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުތަކުގެ އިތުރުން ކޮލިފައިންގައި ފިލިޕީންސާއި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ. މިއަދު ރާއްޖެ ކައިރިން މޮޅުވި ޓީމޯ ލެސްޓޭއަކީ ފީފާ ރޭންކިންގެ 197 ވަނައިގައި އޮތް ގައުމެކެވެ.
ކޮލިފައިން ގްރޫޕް އޭގެ ފުރަތަމަ މެޗުގައި، ރާއްޖެ ވަނީ 4-1 އިން ފިލިޕީންސް އަތުން ބަލިވެފައެވެ. ޓިމޯ ލެސްޓޭ ތަޖިކިސްތާން އަތުން 1-0 އިން ބަލިވެފައި އޮތް އިރު، ކޮލިފައިން ތިން ވަނަ މެޗުގައި، އޮކްޓޫބަރު މަހު ރާއްޖޭން ދެން ކުޅޭނީ ތަޖިކިސްތާނާ ދެކޮޅަށެވެ. މިއަދު ރާއްޖެ ކައިރިން ހޯދި މޮޅަކީ ޓިމޯ ލެސްޓޭއަށް މުހިއްމު މޮޅެކެވެ.
މެޗުގެ ކުރީކޮޅުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ރާއްޖެއަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ޖައްސާލި ބޯޅައެއްގައި އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ޓިމޯ ލެސްޓޭ ކީޕަރު އަތުގައި ޖެހި އަމާޒުވީ ދަނޑިއަށެވެ.
އޭގެފަހުން ޓިމޯ ލެސްޓޭއިން ނުރައްކާ ކުރަމުން ގޮސް، ހާފު ނިމެން ކުޑަތަން ވެފައި ވަނިކޮށް، މެޗުގެ ލީޑު ނެގިއެވެ. އެ ގޯލަކީ ޓިމޯ ލެސްޓޭގެ ކެޕްޓަން، ޕައޮލޯ ޑޮމިންގޭސް ފްރެއިޓާސް ނަގައިިދިން ހުރަަހަކަށް ހުސްކޮށް އަރައި، ޖޮއާއޯ ޑަ ސިލްވާ ޖެހި ގޯލެކެވެ.
އޭގެފަހުންވެސް މެޗުގައި ޓިމޯ ލެސްޓޭއިން ނުރައްކާކުރި އިރު، ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފާއި ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަދި އަހުމަދު ނޫމާންވެސް ގޯލު ކުރިމަތިން ގިނަ ހަމަލާތަކެއް ދިފާއުކުރިއެވެ. ރާއްޖެއިން ގޯލެއް ޖެހޭތޯ މަސައްކަތްކުރި ކުރުމުގައި ބަދަލަކަށް ނުކުތް އަހުމަދު ރިޒުވާން (ރިޒޭ)ގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، އޭގެފަހުން ރާއްޖެއަށް އެކަށީގެންވާ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު