ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިންގްލެންޑުން އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވި ނަމަވެސް، ޓީމުގެ ކުޅުމާމެދު ކޯޗު ތޯމަސް ޓުޗެލް ނުރުހުން ފާޅުކޮށްފިއެވެ.

ދުނިޔޭ ރޭންކިންގެ 173 ވަނައިގައި އޮތް އެންޑޯރާއާ ދެކޮޅަށް އިންގްލެންޑުން ރޭ ކުޅުނު ކޮލިފިކޭޝަން ގްރޫޕް ކޭގެ މެޗުގައި އެޓީމު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންގްލެންޑުގެ ހަމައެކަނި ގޯލު ޖަހައިދިނީ 50 ވަނަ މިނެޓުގައި ހެރީ ކޭންއެވެ.

ފުރަތަމަ ކޮޅުގައި އިންގްލެންޑުން ރަނގަޅަށް ކުޅުނު ނަމަވެސް، މެޗުގެ ފަހުކޮޅާއި ފުރަތަމަ ހާފުގެ ފަހު ކޮޅުގައިވެސް އެންޑޯރާއިން ގޯލެއް ޖަހައި، މެޗު އެއްވަރުނުކުރީ ކިރިޔާއެވެ. އެ ހާލަތަށް ޓީމު ދިޔުމުން މެޗަށްވެސް ޓުޗެލް ވަނީ ޓީމު ސީރިއަސް ނުވާ ކަމަށް ބުނެފައެވެ.

"އަހަރެން ހުރީ ކަންބޮޑުވެފައި. އެއީ ފަހު 20 ވަރަކަށް މިނެޓާ ހަމައަށް ދިޔަ އިރު، ޓީމުގެ ފަރާތުން ފެނުނު އެޓިޓިއުޑާ ދޭތެރޭ އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހޭތީ. އަހަރެމެން ޓީމުގެ ފަރާތުން ނުފެނުނު މެޗު ސީރިއަސްކޮށް ނަގައިގެން މަސައްކަތް ކުރިތަނެއް. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗެއްކަން އެނގި ތިބެވެސް ސީރިއަސްއެއް ނުވި،" ޓުޗެލް ބުންޏެވެ.

އިންގްލެންޑުން 83 ޕަސެންޓް ވަގުތުގައި ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެންޑޯރާގެ ޑިފެންސް ފޫއަޅުވާލަން އުނދަގޫވިއެވެ. އޭގެ ސަބަބުން އެޓީމަށް ރޭގެ މެޗު ވެގެން ގޮސްފައި ވަނީ މާޔޫސީ މެޗަކަށެވެ.