ކުރިން ވޮލީ ސީޒަން ފަށަން އޮތް ތާރީހުގައި އިވެންޓެއް އޮންނާތީ ފިރިހެން ވޮލީ ސީޒަނުގެ ފެށުން ފަސްކުރަން ޖެހިއްޖެއެވެ.
އެންމެ ފުރަތަމަ ފިރިހެން ވޮލީ ފިރިހެން ޑިވިޝަނުގެ ސީޒަން ފަށަން ތާވަލުކުރީ މިމަހުގެ ނުވަ ވަނަ ދުވަހަށެވެ. އެ ތާރީހު ބަދަލުކުރަން ޖެހުނީ ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން އިންޑޯގެ ބޭނުން ކުރަން ޖެހުމުންނެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ފިރިހެން ޑިވިޝަނުގެ ސީޒަން ފަށަން ދެން ތާވަލުކުރީ މިމަހުގެ 19 ވަނަ ދުވަހަށެވެ. އެ ތާރީހު މިފަހަރު ފަސްކުރަން ޖެހިފައި ވަނީ އިވެންޓެއް ބާއްވަން އިންޑޯ ބޭނުންކުރާތީއެވެ.
ވީއޭއެމްއިން ނެރުނު ސާކިއުލާއެއްގައި ބުނީ ސީޒަން ފަށަން ކުޅޭ ވީއޭއެމް ކަޕް ފަށާނެ ތާރީހަކީ މިމަހުގެ 24 ކަމަށާއި، ނޭޝަނަލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 14 ގައި ކަމަށެވެ. އަދި ކާވާ މެންސް ވޮލީބޯލް ޗެމްޕިއަންސް ލީގު ފަށާނީ ޖުލައި 17 ގައި ކަމަށާއި، އެ މުބާރާތް ނިމޭނީ ޖުލައި 23 ގައި ކަމަށެވެ.
އޭގެ އިތުރުން ބަޔާނުގައި ވަނީ މުބާރާތްތަކުގެ ތާރީހަށް ގެންނަން ޖެހުނު ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، އެކަމުގައި ހައްލު ހޯދަން މިނިސްޓަރު އަބްދުﷲ ރާފިއުގެ އެހީތެރިކަމާއެކު ބައެއް ލުއިތައް ހޯދިފައިވާ ކަމަށެވެ.
އެގޮތުން ޖުލައި 22 އަދި 23 އަކީ ކުރިން މިނިސްޓްރީގެ ބޭނުމަށް ނަގާފައި އޮތް ދުވަސްތަކެއް ނަމަވެސް، އެ ދުވަސްތައް ވީއޭއެމްއަށް ހަމަޖައްސައިދީފައިވާ ކަމަށާއި، އޭގެ ސަބަބުން ހުރިހާ މުބާރާތެއްވެސް ސޯޝަލް ސެންޓަރުގެ އިންޑޯގައި ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ވީއޭއެމްއިން ބުންޏެވެ.
މާލޭގައި އިންޑޯ ހުރިހާ ކުޅިވަރަކަށްވެސް ބޭނުންކުރަނީ އެކުވެނީ އިންޑޯ ކޯޓެވެ. އޭގެ ސަބަބުން ކުޅިވަރު މުބާރާތްތައް ތާވަލު ކުރުމަށް ޗެލެންޖްތަކަކާ ކުރިމަތިވެފައިވާ އިރު، އޭގެ ސަބަބުން ކްލަބުތަކަށް ފައިސާގެ ދަތިކަންވެސް ކުރިމަތިވާ ފަހަރު އައިސްފައިވެއެވެ.
މުބާރާތްތަކުގެ އިތުރުން ގިނަ އިވެންޓްތަކެއްވެސް އަބަދުވެސް އިންޑޯގައި ބާއްވަމުންދާކަން ފާހަގަވެގެން ގޮސްފައިވެއެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން