ދާދިފަހުން ޓޮޓެންހަމް އާއެކު ޔޫރޮޕާ ލީގު ހޯދި ކޯޗު، އޮސްޓްރޭލިއާގެ އަންގޭ ޕޮސްޓެކޮގްލޫ މަގާމުން ވަކިކޮށްފިއެވެ.

އުމުރުން 59 އަހަރުގެ ޕޮސްޓެކޮގްލޫ ޓޮޓެންހަމް އާއެކު ޔޫރޮޕާ ލީގު ތަށި ހޯދައި، 17 އަހަރު ފަހުން އެ ކްލަބަށް ފުރަތަމަ ތަށްޓެއް ހޯދައިދިން ނަމަވެސް، ލީގުގައި އެ ޓީމުގެ ފޯމު ފެނުނީ ދަށްކޮށެވެ.

އެ ޓީމުން ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން 22 މެޗުން ބަލިވެފައިވާ އިރު، ނިންމާލަން ޖެހުނީ ތާވަލުގެ 17 ވަނައިގައެވެ. ޓޮޓެންހަމް އަކީ ރެލިގޭޓްވި ތިން ޓީމުގެ މަތިން ދެން ޖެހިގެން އޮތް ޓީމެވެ. އެއީ އެ ކްލަބުގެ ތާރީހުގައިވެސް އެންމެ ދަށް އެއް ނަތީޖާ އެވެ.

ކުރިން ސެލްޓިކަށްވެސް ކޯޗުކަން ކޮށްދިން ޕޮސްޓެކޮގްލޫ މީގެ ދެ އަހަރު ކުރިން ޓޮޓެންހަމްއާ ގުޅުނު ފަހުން، ޔޫރޮޕާ ލީގަކީ އޭނާއަށް ހޯދައި ދެވުނު ފުރަތަމަ ތަށްޓެވެ. އެ ތަށްޓާއެކު ކުޅުންތެރިން އޭނާއަށް ތައުރީފުކޮށް ވާހަކަ ދެއްކި ނަމަވެސް، ބޯޑުން ނިންމީ ޕޮސްޓެކޮގްލޫއަށް އިތުރު ފުރުސަތެއް ނުދޭށެވެ.

ޕޮސްޓެކޮގްލޫއަކީ މައުރީޝިއޯ ޕޮޗެޓީނޯ 2019 ވަނަ އަހަރު އެ ކްލަބުން ދިޔަފަހުން، ކްލަބާ ދާއިމީކޮށް ހަވާލުވި ފަސްވަނަ ކޯޗެވެ.