ކުރިއަށް އޮތް ބޮޑު އީދު މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ، "އީދު ހަވީރު 1446"ގެ ނަމުގައި މާލެ ސަރަހައްދުގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން ކަމަށެވެ.

އެ ހަރަކާތްތައް އޮންނާނީ މާލޭގެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކު އަދި ހުޅުމާލެ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައި އީދު ދުވަސް ކަމަށްވާ ހުކުރު ދުވަހުން ފެށިގެން ތިން ދުވަހަށެވެ. ގަޑިއަކީ އެ އިން ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8:30 އިން ފެށިގެންނެވެ.

އެމްއެންޑީއެފުން ބުނީ، ހަރަކާތްތައް އިންތިޒާމު ކޮށްފައިވަނީ ސްޓޯލްތަކުން ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެން ކަމަށެވެ.

އެގޮތުން އެ ހަރަކާތްތަކުގައި ރާއްޖޭގެ އިހުގެ ސަގާފަތާއި އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ހަމަޖެހިފައިވާއިރު ޒަމާނީ ކެރެކްޓާތައް ފިއުޝަންގެ ގޮތުގައި ދައްކާލުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ހަވީރުގައި އެމްއެންޑީއެފްގެ ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާއެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދީ ބޭންޑުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ އެވެ.