ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ބާރުބޮޑުވާތީ، ރާއްޖެ އާއި ރާއްޖެއިން ބޭރުގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ވެސް އަވަހަށް ޗެކިން ވުމަށް އެމްއޭސީއެލުން އެދިއްޖެއެވެ.

އެމްއޭސީއެލުން މިއަދު ބުނީ ވީއައިއޭގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އާއި ފަސިންޖަރުން ގިނަކަމުން، ހުރިހާ ދަތުރުވެރިން ވެސް އެ އެއާލައިންތަކުން ލަފާދީފައިވާ ޗެކިން ގަޑިތަކަށް އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓާފުން އޮން ސައިޓްގައި ތިބެގެން އެއާޕޯޓުގެ ފުރިހަމަ ތަޖުރިބާއެއް ކޮށްދީ އެހީތެރިކަން ފޯރުކޮށްދެއެވެ." އެކުންފުނިން ބުންޏެވެ.

އެއާޕޯޓަށް ބާރު ބޮޑެވެފައިވަނީ އީދު ބަންދާ ދިމާކޮށް މިއަދާއި މާދަމާ ގިނަ ބަޔަކު ރާއްޖެ އާއި ރާއްޖެއިން ބޭރަށް ފުރާތީއެވެ.

ހައްޖު ދުވަހާއި އީދު ދުވަހާ އެކު، އީދު ބަންދަށް މިފަހަރު ފަސް ދުވަހުގެ ބަންދެއް ލިބޭނެއެވެ.