ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގައި، އެތުލެޓިކޯގެ ޖޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީގެ މައްސަލައިގައި، ޕެނަލްޓީ ގަވާއިދަށް ބަދަލު ގެންނަން ދުނިޔޭ ފުޓުބޯޅައިގެ ގަވައިދު ހަދައި، އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އިން ނިންމަފިއެވެ.

އެތުލެޓިކޯ ދަނޑުގައި ރެއާލާއި އެތުލެޓިކޯ ވާދަކުރި ދެވަނަ ލެގުގެ މެޗު ޕެނަލްޓީއަށް ދިޔައީ އެގްރިގޭޓް 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ފުރަތަމަ ލެގު ރެއާލުން 2-1 އިން ކާމިޔާބު ކޮށްފައިވަނިކޮށް، ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އެތުލެޓިކޯ މޮޅުވެފައި އޮތީ 1-0ގެ ނަތީޖާއަކުންނެވެ. އެގްރިގޭޓް 2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ރެއާލް މޮޅުވީ 4-2ގެ ނަތީޖާއަކުންނެވެ.

އެތުލެޓިކޯ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް، ހަތަރު ޕެނަލްޓީ އަލްވަރޭޒް އަތުން ބޭކާރުވިއެވެ. އަލްވަރޭޒް ޕެނަލްޓީ ފޮނުވާލަން ދިޔަ ވަގުތު ކައްސާލުމާއެކު، އޭނާ ބޯޅަ ފޮނުވާލަން މަސައްކަތް ކުރި ފައިގެ އިތުރުން އަނެއް ފައިގައިވެސް ބޯޅަ ޖެހުމާއެކު ރެފްރީ ނިންމީ އެ ޕެނަލްޓީ ނާކާމިޔާބުވި ކަމަށެވެ. އެއީ ވީއޭއާރް ބަލައި ރެފްރީ ނިންމި ނިންމުމެކެވެ.

އެ ޕެނަލްޓީގެ މައްސަލައިގައި ޔޫއެފާއިން އޭރުވެސް ބަޔާނެއް ނެރެފައިވެއެވެ. ރެފްރީގެ ނިންމުން ރަނގަޅު ކަމަށް ބުނެ ޔޫއެފާއިން ބުނެފައި ވަނީ އުސޫލު ބަދަލުކުރަން އެކަމުގައި އައިއެފްއޭބީއާ މަޝްވަރާ ކުރާނެ ކަމަށެވެ.

އައިއެފްއޭބީއިން ބުނީ އެފަދަ ހާލަތެއް ދިމާވެ، ކުޅުންތެރިޔަކަށް ދެފައިން ބޯޅައިގައި ޖެއްސިއްޖެނަމަ، އެ ޕެނަލްޓީ އަލުން ޖަހަން ޖެހޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި އަލުން ޕެނަލްޓީ ޖަހާނީ ޕެނަލްޓީ ވެއްދިއްޖެ ނަމަ ކަމަށްވެސް އައިއެފްއޭބީން ބުންޏެވެ.

އައިއެފްއޭބީން ނިންމާފައި ވަނީ ކުޅުމުގެ ތެރެއިން ލިބޭ ޕެނަލްޓީގައި ކުޅުންތެރިޔާއަށް ނޭނގި އެގޮތަށް ކަން ކުރެވިއްޖެނަމަ އަލުން ޕެނަލްޓީ ޖެހިޔަސް، ގަސްދުގައި އެހެން ހަދައިފިނަމަ، އިދިކޮޅު ޓީމަށް ނުރަސްމީ ޖެހުމެއް ދޭން ޖެހޭނެ ކަމަށެވެ.

އެ ބަދަލަށް އަމަލުކުރަން ފަށާނީ ޖުލައި އެކަކުން ފެށިގެން ކަމަށްވެސް އައިއެފްއޭބީން ބުންޏެވެ.