އެމެރިކާގެ އިތުރުން ކެނެޑާ އަދި މެކްސިކޯގައި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕްގެ ހޫނަށް ޓީމު ތައްޔާރު ވުމުގެ ގޮތުން އިންގްލެންޑުން ޓެންޓްތަކުގައި ތަމްރީނުތައް ފަށައިފިއެވެ.

އިންގްލެންޑުން މިހާރު ތައްޔާރުވަމުން އަންނަނީ އެންޑޯރާއާ ދެކޮޅަށް ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގެ އިތުރުން، އޭގެފަހުން ސެނެގާލާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅެން އޮތް އެކުވެރިކަމުގެ މެޗަށެވެ.

އެ މެޗުތަކަށް އިންގްލެންޑުން ތަމްރީނުތައް ފުރިހަމަ ކުރަމުން އަންނަނީ ސްޕެއިންގެ ޖިރޯނާގައެވެ.

އިންގްލެންޑްގެ އެފްއޭއިން ބުނީ ސްޕެއިންގައި ކުރިއަށްދާ ތަމްރީނުތަކުގައި އާދަޔާ ހިލާފު ހޫނަށް ކުޅުންތެރީން ހޭނެން ދަސްކޮށްދިނުމަށް ޓެންޓްތަކެއް ޖަހައިގެން ހޫނުމިން ކޮންޓްރޯލް ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން ޓެންޓްތަކުގެ ތެރޭގައި ފިޓްނަސް ބެލުމުގެ އިތުރުން ކަސްރަތު ބައިސްކަލުތައް ބޭނުންކޮށް، ކުުޅުންތެރިންގެ ބުންވަރު ބަލާނެ ކަމަށްވެސް އެފްއޭއިން ބުންޏެވެ.

މިދިޔަ ހަފުތާގައި ވާހަކަ ދައްކަމުން އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އެމެރިކާގެ ހޫނުމިނާއި ވައިގެ ތެތްކަން ހުންނަ ގޮތުން، އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ އުނދަގޫ މުބާރާތަކަށް ކަމަށެވެ. އެހެންކަމުން ކުރިއާލައި، އެ ގައުމުގެ މޫސުން ތަޖުރިބާކުރުމަށް ކްލަބު ވޯލްޑް ކަޕަށް އެމެރިކާއަށް ދާނެ ކަމަށްވެސް ޓުޗެލް ބުނެފައިވެއެވެ.

އެމެރިކާގެ ބައެއް ސަރަހައްދުތަކަކީ ހޫނު މޫސުމުގައި، އާއްމުކޮށް ހޫނު ގަދަ ސަރަހައްދުތައް ނަމަވެސް، ފީފާއިން ނިންމާފައި ވަނީ ހޫނު މޫސުމުގެ ވޯލްޑް ކަޕެއް ބޭއްވުމަށެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ވޯލްޑް ކަޕަށް ބޭނުންކުރާ 16 ސްޓޭޑިއަމުން، 14 ސްޓޭޑިމެއް ހުންނަ ސަރަހައްދަކީ އާއްމުކޮށް ހޫނުމިން 28 ޑިގްރީ ސެލްޝިއަސްއަށްވުރެ މައްޗަށް، ވޯލްޑް ކަޕް ދުވަސްވަރު ދާނެ ސަރަހައްދުތަކެވެ.

ޓުޗެލް އިތުރަށް ބުނީ އެމެރިކާގައި މެންދުރު ފަހު، ހަވީރުވެސް ނުވަނީސް މެޗުތައް ކުޅެން ޖެހޭ ކަމަށާއި، އެކަމަށް ތައްޔާރުވާން މިހާރުން ފެށިގެން މަސައްކަތް ކުރުން އެއީ މުހިއްމު ކަމެއް ކަމަށެވެ.