މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސްގެ މަގާމަށް ކުރިއަށް އޮތް ދައުރަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް، މިހާރުގެވެސް ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) އިތުރު ދައުރަކަށް ހޮވުނު އިރު، ނައިބު ރައީސުންގެ މަގާމަށް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި އަހުމަދު މުންތަގިމް (މުންތޭ) އާއި ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ވާދަކުރި އަހުމަދު އިސްމާއިލް ހޮވައިފިއެވެ.

އެމްއޯސީގެ އިންތިހާބީ ކޮންގްރެސް އޮތީ އިއްޔެ ހ. މީރުމާ ހޮޓަލުއެވެ. މިއަހަރުން ފެށިގެން 2029 ވަނަ އަހަރާ ހަމައަށް އެމްއޯސީ އެކްސްކޯގެ މަގާމުތަކަށް މީހުން ހޮވާފައިވާ އިރު، ނައިބު ރައީސްގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ މިހާރުވެސް އެ މަގާމުގައި ތިއްބެވި، އަދި ހޮވުނު މުންތަގިމްއާއި އަހުމަދު އިސްމާއީލްގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތަފާ މުހައްމަދު (މުސްތޮ) އެވެ. އަހުމަދަށް 15 ވޯޓު ލިބުނުއިރު މުންތަގިމަށް ލިބުނީ 12 ވޯޓެވެ. އަދި މުސްތަފާއަށް ލިބުނީ ތިން ވޯޓެވެ. އެއް ވޯޓު ވަނީ ބާތިލުވެފައެވެ.

ޖުމުލަ 14 މެންބަރުންގެ މައްޗަށް އެމްއޯސީގެ އެކްސްކޯ އެކުލެވިގެންވާ އިރު، އެއީ ރައީސްގެ އިތުރުން، ދެ ނައިބު ރައީސުންނާއި އޮލިމްޕިކް ސްޕޯޓްސް ރެޕްރެސެންޓިވްސްގެ ހަ މެންބަރުން، ނޮން އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސްގެ ދެ މެންބަރުން އަދި އަންހެން ދެ މެންބަރުންނެވެ. އޭގެ އިތުރުން، އެތުލީޓްސް ކޮމިޝަން ތަމްސީލް ކުރާ މެންބަރެއްވެސް ހިންގާ ކޮމިޓީގައި ހިމެނެއެވެ. މިވަގުތު ހުރި އެތުލީޓްސް ކޮމިޝަންގެ މެންބަރުގެ ދައުރު ހަމަވާނީ މިއަހަރު ޑިސެމްބަރު މަހަށެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އޮލިމްޕިކް ސްޕޯޓްސްގެ ގޮނޑިތައް ކާމިޔާބުކުރެއްވީ، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.

ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ ޖާގަ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އާއި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ލިބުނުއިރު، އަންހެން ދެ މެންބަރުންގެ ޖާގަ ލިބުނީ، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށެވެ.