ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާދިން ދެ ބޭފުޅުންގެ ނަން އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސުޕްރީމް ކޯޓުގެ ދެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާ އިރު، އެންމެ ގިނައިން މާކްސް ދިނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ.

ފަނޑިޔާރު ސަލީމާއި ހަމީދު، ސުޕްރީމް ކޯޓުގެ ފަޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީން ލަފާދެއްވާފައިވާ ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދުގެ ޖަލްސާގެ ތަޅުމަށް އިއްވެވުމުން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ދެ ގޮނޑި ހުސްވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އެ މަގާމުން ވަކިކުރުމުންނެވެ. އެ ދެބޭފުޅުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

އެ ދެ ބޭފުޅުން ވަކިކުރީ އަޒްމިރަލްދާގެ ފިރިލަކުން ސްޕާއަކުން ހައްޔަރުކުރުމުން އޭނާ ދޫކުރަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގައެވެ.

ސުޕްރީމް ކޯޓަށް އައްޔަނުކުރާ ފަނޑިޔާރުންގެ ލިސްޓުގެ އެންމެ ކުރީގައި ހުންނެވި ފަނޑިޔާރު މުހައްމަދު ސަލީމަކީ ހައި ކޯޓުގައި ލީގަލް އޮފިސަރެއްގެ ގޮތުގައި 12 އަހަރު އުޅުއްވުމަށް ފަހު އެ ކޯޓުގެ ފަނޑިޔާރުކަން 9 އޮގަސްޓު 2022 އިން ފެށިގެން ކުރައްވާ ބޭފުޅެކެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ފަނޑިޔާރުންނަށް ދިން ފުލެޓުތައް ގަބޫލު ކުރެއްވި މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ޖޫން 6، 2022 ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު ބޭފުޅެކެވެ.