ކުޅުދުއްފުށި ސިޓީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ޖަޕާންގެ ކެނެޑޭވިއާ ކޯޕަރޭޝަންއާ ހަވާލުކޮށްފި އެވެ.

މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ. ކެނެޑޭވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޓަކެށީ އައިބާ އެވެ.

އެ ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިށިގާމީ ރުމިކޯ، އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އަދި ކުންފުނީގެ ބޯޑް ޑިރެކްޓަރުންނާއި ދެ ކުންފުނީގެ އިސް މުވައްޒަފުންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ އެ މަޝްރޫއުގެ ދަށުން ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރުއޯ ޕްލާންޓެއް ބެހެއްޓުމާއި 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމުކުރުމާއި 1450 ކިލޯވޮޓްއަވާގެ ބެޓެރީ ސިސްޓަމެއް ހިމެނޭ ކަމަށެވެ.

ކުޅުދުއްފުށީސިޓީގެ ފެން އުފައްދާ ނިޒާމު 100 ޕަސެންޓު އިރުގެ ހަކަތައަށް ބަދަލުކުރަން އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ/ އަހުމަދު ހަމްދާން

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، އެ މަޝްރޫއުގެ ސަބަބުން ފެނަކައިގެ ވިއުގަޔަށް ބަރޯސާނުވެ މިނިވަންކޮށް ފެން އުފައްދާ ނިޒާމު އޮޕަރޭޓް ކުރެވޭނެ ކަމަށެވެ. އަދި އެ މަޝްރޫއު ކުޅުދުއްފުށީގައި ހިންގުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ސީޓީއަކީ އެ ޕްރޮޖެކްޓު ހިންގަން އެންމެ އެކަށޭނަ އަދި ޕްރޮޖެކްޓުގެ އިންތިޒާމުތަކުގެ ދަށުން އެންމެ ގާބިލު ރަށް ކަމަށްވާތީ ކަމަށްވެސް މަތީން ވިދާޅުވިއެވެ.

އެ މަޝްރޫއު އަށް ދާނެ ކަމަށް ލަފާކުރެވޭ ޖުމުލަ ހަރަދުގެ 27 ޕަސެންޓަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓާ ފައުންޑޭޝަން (ޖީއީސީގެ) ހިލޭ އެހީ އެވެ. އަދި ކެނެޑޭވިޔާގެ ފަރާތުން މަޝްރޫއު އަށް ބޭނުންވާ ޖުމުލަ ހަރަދުގެ 27 ޕަސެންޓް ހިއްސާ ކުރާއިރު، ބާކީ 46 ޕަސެންޓް ހިއްސާ ކުރާނީ އެމްޑަބްލިޔުއެސްސީންނެވެ.

އެމްޑަބްލިޔުއެސްސީން ބުނާ ގޮތުން އެ މަޝްރޫއުގެ ސަބަބުން އަހަރެއްގެ މައްޗަށް ދެ ލައްކަ ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން އަހަރަކު 573 ޓަނުގެ ކާބަން ޑައި އޮކްސައިޑް ޖައްވަން ދިއުން ހުއްޓުވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.