މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ ދިރާސާ މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރާ އެ ނިޒާމާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ސަބްސީ ޑީސެލިނޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، 2040 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެށި މަސައްކަތެކެވެ. އަދި މީގެ ބޭނުމަކީ ގައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކުރުން ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.
މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ދަށުން، ފްލޯޝަން ކުންފުނީގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރު އަޑިން ފެނުގެ ސާމްޕަލް ނަގައިފައެވެ. އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި، ފުރަތަމަ ތަހުލީލުތަކުން ދައްކާ ގޮތުގައި އެއީ އާދަޔާހިލާފަށް ސާފު ފެނެކެވެ. އަދި ލެބޯޓަރީ ތަހުލީލުތަކުން ކަށަވަރުކުރެވިފައިވާ ގޮތުގައި، އެއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ތަބީއީ ފެން މަސްދަރުތަކުގެ ތެރޭގައި ހިމެނޭ ފެނެކެވެ.
ފްލޯޝަންގެ ސަބްސީ ޑީސެލިނޭޝަން ނިޒާމަކީ ތަބީއީ ފެން އޮއިވަރުގެ ބާރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މި ނިޒާމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްކުރެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.
މީގެ އިތުރުން، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ކަރަންޓު ސަލާމަތްކުރެވޭނެ ކަމަށް ބުނާ މިންވަރަކީ ފްލޯޝަންގެ ޓެކްނޮލޮޖީގެ އާންމު ނަތީޖާއަށް ބަލައިގެން ލަފާކޮށްފައިވާ މިންވަރެއް ކަމަށާއި، އެއީ ރާއްޖޭގައި އަދި ކަށަވަރުކުރެވިފައިވާ ނަތީޖާއެއް ނޫން ކަމަށް އެ ކުންފުނިން ވަނީ ސާފުކޮށްދީފައެވެ.
މި ދިރާސާއިން ލިބޭ ނަތީޖާތަކަށް ބިނާކޮށް، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިޔުއެސްސީން ވަޒަންކުރާނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި، މިއީ ރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެއެވެ.
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
ކޮމެންޓް