ޕީއެސްޖީން ފުރަތަމަ ފަހަރަށް ހޯދި ޗެމްޕިއަންސް ލީގު ތައްޓާއެކު ޕެރިހުގައި އުފާފާޅު ކުރަން އުޅުނު ދެ މީހަކު މަރުވެއްޖެއެވެ.
ޖަރުމަނުގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު ފައިނަލުގައި ޕީއެސްޖީން އިންޓަ ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. އެއީ ޗެމްޕިއަންސް ލީގު ފައިނަލެއްގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
ޕީއެސްޖީން މި ސީޒަނުގެ ހުރިހާ ތައްޓެއް ހޯދުމާއެކު ސަޕޯޓަރުން ފެނުނީ އާދަޔާހިލާފު ފޯރިއެއްގައެވެ. ރޭގެ މެޗަށްފަހު ކޯޗު ލުއިސް އެންރިކޭވެސް ވަނީ ޕީއެސްޖީގެ ސަޕޯޓަރުން، ހާއްސަކޮށް އެ ޓީމުގެ އެންމެ އިތުބާރު އަލްޓްރާސް މުޅި ސީޒަނުގައި ކުރި ސަޕޯޓު ފާހަގަކޮށްފައެވެ.
ޕީއެސްޖީގެ ތައްޓާއެކު ފްރާންސްގެ ވެރިރަށް ޕެރިހުގެ މަގުތައް އެއްކޮށް ވަނީ ފުރި ބާރުވެފައެވެ. ރޭ ފައިނަލް ނިމުނު ވަގުތުން ފެށިގެން އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ އުފާފާޅުކުރަން އުޅުމުގެ ތެރޭގައި 192 މީހަކަށް އަނިޔާވިކަން މިހާރު ވަނީ ޔަގީންވެފައެވެ.
މަގުތަކުގެ ސަލާމަތީ ކަންކަން ޔަގީންކުރުމަށް ފުލުހުން ނުކުމެފައިވާއިރު، ގިނައިން ހައްޔަރަށް ގެންދިޔައީ ތަކެއްޗަށް ގެއްލުންދީ ފޭރުމުގެ ބައެއް ކަންކަން ކުރި މީހުން ކަމަށް ފްރާންސްގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.
އެގޮތުން ޖުމުލަ 559 މީހަކު ހައްޔަރުކުރި އިރު އޭގެ ތެރެއިން 491 މީހަކު ހައްޔަރުކުރީ ޕެރިހުންނެވެ.
ސަޕޯޓަރުން ނުކުމެ އުފާފާޅުކުރަން އުޅުމުގެ ތެރޭގައި 200 އެއްހާ ވެހިކަލްގައި ހުޅު ޖަހާފައިވާ އިރު، އެ ކަހަލަ ކަންކަމުގެ ތެރެއިން ދެ މީހަކު މަރުވިކަންވެސް ވަނީ ޔަގީންވެފައެވެ.
ސަޕޯޓަރުންނާ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންގެ 22 މީހަކަށް އަދި އަލިފާން ނިވުމުގައި ހަރަކާތްތެރިވި ހަތް މީހަކައަށް އަނިޔާވި ކަމަށްވެސް ކަމާބެހޭ އިދާރާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ