ސިމޯން އިންޒާގީ ބޭނުންވާ ނަމަ، އިންޓަ މިލާނުގައި ކުރިއަށް ދިއުމަށް ފުރުސަތު އޮންނާނެ ކަމަށް ކްލަބުގެ ރައީސް ޖިއުސެޕޭ މޮރާޓާ ވިދާޅުވެއްޖެއެވެ.
ފިލީޕޭ އިންޒާގީގެ ކޮއްކޮ، ސިމިއޯން އިންޒާގީ އިންޓައާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ އެއްފަހަރު އެއްބަސްވުން އާކޮށްފައިވާ އިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.
އިންޒާގީ ވަނީ އިންޓައާއެކު ޑޮމެސްޓިކް ކާމިޔާބީތައް ހޯދައިފައެވެ. އެހެން ނަމަވެސް، ޔޫރަޕްގައި އޭނާއަށް އަދި ކުރިމަތިވެފައި ވަނީ ނާކާމިޔާބީއާ އެވެ. ރޭ ޗެމްޕިއަންސް ލީގު ފައިނަލުގައި ޕީއެސްޖީ ކައިރިން 5-0 އިން ބަލިވި އިރު، އޭގެ ކުރިން 2023 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލުގައި މެންޗެސްޓާ ސިޓީ ކައިރިންވެސް ވީ ބައްޔެވެ.
މި ސީޒަނުގައި އިންޓައަށް ލީގާއި އިޓަލީ ކަޕްވެސް ގެއްލިފައިވާ އިރު، އެ ނަތީޖާތަކާއެކުވެސް އިންޒާގީ ކުރި މަސައްކަތަށް ކްލަބު ރައީސް މޮރާޓާ ވަނީ ތައުރީފު ކޮށްފައެވެ.
މޮރާޓާ ވިދާޅުވީ އިންޒާގީގެ ކުރިމަގާ މެދު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މަޝްވަރާ ފަށާނެ ކަމަށާއި، އިންޒާގީ ބޭނުންނަމަ އެ ކްލަބާއެކު ކުރިއަށް ދިއުމަށް ފުރުސަތު އޮންނާނެ ކަމަށެވެ. ހަބަރުތައް ބުނީ އިންޓައިން ބޭނުން ވަނީ އިންޒާގީގެ އެއްބަސްވުން އިތުރު އަހަރަކަށް އާކުރަން ކަމަށެވެ.
ރޭ ޗެމްޕިއަންސް ލީގު ފައިނަލުން އިންޓަ ބަލިވުމާއެކު އިޓަލީގެ ބައެއް ނޫސްތަކުން ބުނީ އޭނާ މަގާމުން ވަކިކުރަން މަސައްކަތް ކުރާ ކަމަށެވެ. އެހެން ނަމަވެސް، އެކަން ކްލަބު ރައީސް މޮރާޓާ ވަނީ ދޮގު ކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
އިންޓަ މިލާން
އިންޓަ މިލާން
އިންޓަ މިލާން
އިންޓަ މިލާން