ކަޝްމީރަކީ ކޮބާ؟

ކަޝްމީރަކީ އިންޑިޔާ އާއި ޕާކިސްތާނުގެ އުތުރުގައި އޮންނަ ފަރުބަދަމަތީ ސަރަހައްދެކެވެ. އުސްފަރުބަދަތަކާއި ފުންވާދީތަކެވެ. ބިޔަ ސަރަހައްދެއްވެސްމެއެވެ. މުޅި ކަޝްމީރުގެ ބޮޑުމިނަކީ ގާތްގަޑަކަށް ދެލައްކަ ފަންސަވީސްހާސް އަކަކިލޯމީޓަރެވެ. އެއީ ގާތްގަޑަކަށް ޕޯޗުގަލް އާއި އޮސްޓްރިޔާ އަދި ސުވިޒަރލެންޑު ފަދަ ގައުމެއްގެ ސައިޒެވެ. އާބާދީއަކީ ގާތްގަޑަކަށް ފަނަރަ މިލިޔަނެވެ. އެއީ ޒިމްބާބުވޭ ކަހަލަ ގައުމެއްގެ އާބާދީއެވެ. ކަޝްމީރަކީ މައުދަންތަކާއި ތެލާއި ގޭހުގެ ގޮތުން މުއްސަނދި ތަނެއް ނޫނެވެ. އެކަމަކު ޕާކިސްތާނާއި އިންޑިޔާއަށްވެސް ކަޝްމީރު މުހިންމުވެއެވެ. ފެނަށްޓަކައެވެ. ޕާކިސްތާނުގެ ތެރެއަށް ދެމިގެންދާހައި ކޯރަކާއި އިންޑިޔާގެ ހުޅަގުބިތަށް ފެތުރިފައިވާހައި ކޯރުތަކެއްގެ ފެށުންއޮތީ ކަޝްމީރުގައެވެ. ނުވަތަ އެކޯރުތައް ދެމިގެން އަންނަނީ ކަޝްމީރުގެ ތެރެއިންނެވެ. މިފެނަކީ ޕާކިސްތާނުގެ ފުރާނައެވެ. ޕާކިސްތާނުގެ އިގްތިސާދުގެ އިންޖީނުގެ ތެލަކީވެސް އެއީއެވެ. އިންޑިޔާގެ ހުޅަގުބިތުގެ ސްޓޭޓްތަކުގެ ފުރާނަޔަކީވެސް މިދެންނެވި ކޯރުތަކެވެ. ކަޝްމީރުގެ ފެނެވެ.

ކަޝްމީރުގެ މައްސަލައިގެ ފެށުން

އިންޑިޔާ އާއި ޕާކިސްތާނު 1947 ގައި އުފެދުނުއިރު ކަޝްމީރަކީ މި ދެގައުމުންކުރެ ގައުމެއްގެ ސަރަހައްދެއް ނޫނެވެ. ކަޝްމީރަކީ އޭރު އިނގިރޭސިންގެ ސީދާ ބެލުމުގެ ދަށުގައިނެތް ވަކި ރަސްކަމެކެވެ. ކަޝްމީރުގައި ފުރިހަމަ އަޣުލަބިއްޔަތެއް ލިބިގެންވަނީ މުސްލިމުންނަށެވެ. އެކަމަކު ކަޝްމީރުގެ ރަސްކަލަކީ ހިންދީއެކެވެ. މަހާރާޖާ ހަރީ ސިންގެވެ. އޭނާއާއި ދެންވެސް އެފަދަ އެހެން ރަސްރަސްކަލުންނަށް އޮތީ ތިންގޮތަކުންކުރެ ގޮތެއް އިޚުތިޔާރު ކުރުމެވެ. އެންމެ ފުރަތަމަ ގޮތަކީ އިންޑިޔާއާ ގުޅުމެވެ. އެއަށްފަހު ދެން ޕާކިސްތާނާ ގުޅުމެވެ. އެންމެފަހު ގޮތަކީ އެއްވެސް އެހެން ގައުމަކާ ނުގުޅި މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމެވެ. ކަޝްމީރުގެ ރަސްގެފާނު މަހާރާޖާ ހަރީ ސިންގަށްވެސް އޮތީ މިދެންނެވި ތިންގޮތުންކުރެ ގޮތެއް އިޚުތިޔާރު ކުރެއްވުމެވެ. އޭނާގެ ރައްޔިތުން ބޭނުންވީ ޕާކިސްތާނާ ގުޅުމަށެވެ. އެއީ މުސްލިމުން ކަމަށްވާތީއެވެ. އެގޮތް މަހާރާޖާ ބޭނުމެއް ނުވިއެވެ. ޚުދު އޭނާއަކީ ހިންދޫއަކަށްވާތީ އެވެ.

މަހާރާޖާގެ ނިންމެވުން

އެހެންވީމާ އެންމެފުރަތަމަ އޭނާ އިޚުތިޔާރުކޮށްގެންހުރީ އެއްވެސް ގައުމަކާ ނުގުޅި މުޅިން މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އޮޕްޝަނެވެ. ތިންވަނަ އޮޕްޝަނެވެ. މަހާރާޖާގެ މި ނިންމުމަކީ ކަޝްމީރުގެ ރައްޔިތުންނަށްވެސް އަދި ޕާކިސްތާނުގެ ރައްޔިތުންނަށްވެސް ބަލައިގަތުމަށް ފަސޭހަވި ނިންމުމެއް ނޫނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކަޝްމީރުގެ ރައްޔިތުންގެ ތެރެއިން ޕޫންޗް ޑިސްޓްރިކްޓްގެ ރައްޔިތުންނާއި މީރްޕޫރުގެ ރައްޔިތުން މަހާރާޖާ ހަރީ ސިންގާ ދެކޮޅަށް 1947 ވަނަ އަހަރުގެ އޮގަސްޓް، ސެޕްޓެމްބަރު އަދި އޮކްޓޫބަރުގައި ހަޅުތާލަށް ނުކުމެއްޖެއެވެ. މަހާރާޖާގެ އަމިއްލަ ލަޝްކަރެއް އޮތެވެ. މި ލަޝްކަރުގެ ސިފައިންގެ ކަމަކަށްވީ މަހާރާޖާގެ ނިންމުމާ ދެކޮޅު މީހުން މެރުމެވެ. މި މަންޒަރު ބަލާކަށް ޕާކިސްތާނުގެ ޕަޓާނީ ގަބީލާތަކުގެ މީހުންނަށް ކެތެއް ނުވިއެވެ. ޚާއްސަކޮށް ޚައިބަރު ޕަޚުތުންޚުވާގެ ޕަޓާނުންގެ ލަގޮޑިއަކަށް މިކަން ކެތެއް ނުކުރެވުނެވެ. އެހެންވެ ޕަޓާނީ ގަބީލާތަކުގެ ހަގުރާމަވެރިން އިސާހިތަކު ކަޝްމީރަށް ވަދެގެންފިއެވެ.

ކަޝްމީރުގެ ފުރަތަމަ ހަގުރާމަ

މަހާރާޖާ ހަރީ ސިންގް ގަންނާކުރެއްވި ބިރެއްގެ ބޮޑުކަމުން އޭނާ އެހީތެރިކަމަށް އެދުނީ އިންޑިޔާގެ ކިބައިންނެވެ. އިންޑިޔާގެ ފަރާތުން ޖަވާބުދެއްވީ ބޮޑުވަޒީރު ޖަވާހަރު ލާލް ނެހުރޫއެވެ. އޭނާ އެންގެވިއެވެ. ތިޔަހެނަކުން އަދި ނުފުދޭނެއެވެ. އިންޑިޔާއަށް އެހީތެރިވެވޭނީ އިންޑިޔާއާ ގުޅެން މަހާރާޖާ ނިންމެވީމައެވެ. އޭގެ ކުރިއަކުން ތިކަމެއް ނުވާނެއެވެ. ކޮންމެއަކަސް އޭރު ޕާކިސްތާނުގެ ޕަޓާނީ ހަގުރާމަވެރިން ތިބީ ކަޝްމީރުގެ ވެރިރަށް ސްރީނަގަރަށް ވަދެގަތުމަށްޓަކައި އެ ސަހަރު ވަށާލައިގެންނެވެ. އެހެންވީމާ އިންޑިޔާގެ ޝަރުތު ގަބޫލުކުރައްވައި އިންޑިޔާއާ ގުޅެން މަހާރާޖާ ހަރީ ސިންގް 26 އޮކްޓޫބަރު 1947 ގައި ނިންމަވައި އެނިންމެވުން އިންޑިޔާއިންވެސް ބަލައިގެންފިއެވެ. މިކަމެއް ހިނގީ އިންޑިޔާ އާއި ޕާކިސްތާނު މިނިވަންވީތާ ދެމަހާއި ބައި ވީފަހުންނެވެ. ތިމަންނާ ގުޅޭނީ އިންޑިޔާއާއޭ މަހާރާޖާ ވިދާޅުވިއިރު އޭނާގެ ވެރިރަށް ސްރީނަގަރު ވަށާލައިގެންތިބީ ޕަޓާނުންނެވެ. އެހެންވެ އިންޑިޔާގެ ސިފައިންނަށް ފަސޭހަ މަގަކުން މަހާރާޖާގެ ރަސްކަމުގެ ދަރުބާރާ ހަމައަށް ވާސިލްވެވޭނެ މަގެއް ނެތެވެ.

އިންޑިޔާ އާއި ޕާކިސްތާނުގެ ސީދާ ކުރިމަތިލުމެއް

މިދެންނެވި ސަބަބަށްޓަކައި އިންޑިޔާ ސިފައިން ސްރީނަގަރަށް އުފުލީ މަތިންދާބޯޓުގައެވެ. މިދެންނެވި މަގުން މިކަމުގެ ތެރެއަށް އިންޑިޔާ ވަދެގަތްއިރު ރަސްމީގޮތުން ޕާކިސްތާނުގެ ސިފައިން ހަގުރާމައިގެ ތެރެއަކަށް އަދި ނުވަދެއެވެ. ޕާކިސްތާނު ސިފައިން މިކަމުގެ ތެރެއަށް ވަދެގަތީ 1947 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިޔާ ސިފައިން ކަޝްމީރަށް ވަދެގަތުމުންނެވެ. ކޮންމެއަކަސް ކަޝްމީރުގެ ފުރަތަމަ ހަގުރާމައަކީ މިއީއެވެ. މިއީ 1947 ގެ އޮކްޓޫބަރުން ފެށިގެން 1949 ގެ ޖެނުއަރީއާ ހަމައަށް ދެމިގެންދިޔަ ހަގުރާމައެކެވެ. އެއްއަހަރާއި ދިހަ ހަފުތާގެ މުއްދަތަކަށެވެ. އެންމެ ފުރަތަމަ ޕަޓާނީ ހަގުރާމަވެރިންނާއި މަހާރާޖާ ހަރީ ސިންގުގެ ލަޝްކަރާ ދެމެދުގައެވެ. އޭގެފަހުން އިންޑިޔާ އާއި ޕާކިސްތާނުގެ ސިފައިންގެ މެދުގައެވެ. ދުވަސްވަރަކީ އިންޑިޔާއާއި ޕާކިސްތާނުގެ މިނިވަންކަމުގެ އެންމެ ޅަފަތުގެ ދުވަސްވަރެވެ. ޕާކިސްތާނުގެ ސިފައިންގެ އެންމެ އިސްވެރިޔާއާއި އޭނާގެ ނާއިބަކީ ހަމަސީދާ އިނގިރޭސިންނެވެ.

އދ. މެދުވެރިވެގެން ހަގުރާމަ ހުއްޓުވުން

އަނެއްކޮޅުން އިންޑިޔާގެ ސިފައިންގެ އިސް އޮފިސަރުންގެ ތެރޭގައިވެސް އިނގިރޭސިން ތިއްބެވެ. އެހެންވީމާ ކަޝްމީރުގެ ފުރަތަމަ ހަގުރާމައަކީ މައިދާނުގެ ދެފަރާތުގައިވެސް އިނގިރޭސިން ތިބެގެން ކުރެވުނު ހަގުރާމައެކޭ ބުނެވިދާނެއެވެ. ހަގުރާމައިގެ ހާލަތު އެކިގޮތަށް ފުރޮޅެމުންގޮސް އދ. މިކަމުގެ ތެރެއަށްވަދެ ހޯހޯއޭ ގޮވައި 1949 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު ހަގުރާމަ ހުއްޓުވައިފިއެވެ. އެގޮތަށް ހުއްޓުނުއިރު ކަޝްމީރުގެ މުޅި ސަރަހައްދުގެ ތިންބައިކުޅަ ދެބައިގެ ކޮންޓްރޯލް ނަގައިގެން ތިބީ އިންޑިޔާ ސިފައިންނެވެ. އަނެއްބައިގައި ޕާކިސްތާނު ސިފައިންނެވެ. ކަޝްމީރު ދެބައިކުރާ ލައިން އޮފް ކޮންޓްރޯލަކީ މިދެންނެވި ހަގުރާމަ ނިމުނުއިރު ދެފަރާތުގެ ލަޝްކަރުއޮތް ރޮގެވެ. މާބޮޑު ފަރަގެއް ނެތެވެ. އދ. މެދުވެރިވެގެން ހަގުރާމަ ހުއްޓުވިއިރު އދ. ގެ އިލްތިމާސެއް އޮތެވެ. މި އިލްތިމާސް ވަނީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި 39 ވަނަ ގަރާރާއި 47 ވަނަ ގަރާރުގައި ބަޔާންވެގެންނެވެ. މި ދެގަރާރު ފާސްކުރީވެސް 1948 ގައެވެ.

ސަލާމަތީ މަޖިލީހުގެ ގަރާރުތައް

ފުރަތަމަ ގަރާރުގައިވަނީ ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް ކޮމިޓީއެއް އެކުލަވައިލުމުގެ ވާހަކައެވެ. ސުލްހަ ބަލަހައްޓާ ލަޝްކަރެއްގެ ވާހަކައެވެ. ދެވަނަ ގަރާރުގައި ވަނީ ކަޝްމީރުގެ ހުރިހާ ހިސާބަކުން ޕާކިސްތާނުގެ ސިފައިން ފައިބައި އަދި އިންޑިޔާގެ ސިފައިންވެސް ފޭބުމާއެކު ކަޝްމީރުގެ ރައްޔިތުން އެދޭގޮތަކީ ކޮބައިކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ވާހަކައެވެ. މި ވޯޓުގެ ކަންކަން އިދާރީގޮތުން އިންޑިޔާއިން ކުރިއަށް ގެންދިއުމަށެވެ. ސަލާމަތީ މަޖިލީހުގެ މިދެންނެވި ގަރާރުގައި ގޮވާލާފައި އެއޮތީ ކަޝްމީރުގެ ރަސްގެފާނު މަހާރާޖާ ހަރީ ސިންގަށް އިނގިރޭސިންވެސް އެންމެ ފުރަތަމަ ދިން ތިން އޮޕްޝަނެވެ. މިގަރާރުގެ ސަބަބުން ބަދަލުވެގެންދިޔަ ކަމަކީ މި ތިން ގޮތުންކުރެ ގޮތެއް ނިންމުމުގެ ބާރު ސީދާ ރައްޔިތުންނަށް ލިބުމެވެ. ކޮންމެއަކަސް މިގަރާރުގައި ބުނާ ކަމެއް އެއްވެސް ބަޔަކު ނުކުރެއެވެ. ޕާކިސްތާނު ކޮންޓްރޯލްކުރާ ފަޅިން ޕާކިސްތާނު ސިފައިން ފޭބީކީ ނޫނެވެ. އިންޑިޔާގެ ސިފައިންވެސް މަދެއް ނުކުރެއެވެ. ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއްވެސް ނުނަގައެވެ. ނަގާކަށްވެސް ނުކެރެއެވެ. އަަޣުލަބިއްޔަތުގެ ނިންމުން އަންނާނީ ކޮންގޮތަކަށްކަން ކަށަވަރުވާތީއެވެ.

(ނުނިމޭ)