ޕީއެސްޖީ މިހާރު އޮތީ ވަރުގަދަކޮށް ކަމަށާއި، އެ ހާލަތަށް އެޓީމު އައީ އުނދަގޫ ތަޖުރިބާތަކެއް ކޮށްފައިވާތީ ކަމަށް ކޯޗު ލުއިސް އެންރިކޭ ބުނެފިއެވެ.
ޕީއެސްޖީން 2019-20 ވަނަ އަހަރުގެ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް މިރޭ ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ.
ޕީއެސްޖީން އެންމެފަހުން ކުޅުނު ފައިނަލުގައި ބަޔާން މިއުނިކް ކައިރިން ބަލިވެފައިވާ އިރު، އެ ފައިނަލަށް ފަހުވެސް ޕީއެސްޖީން ވަނީ ދެ ފަހަރަށް ސެމީއަށް ހަމަޔަށް ގޮސްފައެވެ. ޑޮމެސްޓިކް ގިނަ ތަށިތަކެއް ހޯދި ނަމަވެސް، ޕީއެސްޖީއަށް އަދި ޔޫރަޕްގެ ޗެމްޕިއަންކަން ލިބިފައި ނުވާ އިރު، މިފަހަރު އެޓީމު ފައިނަލަށް ދިޔައީ ލިވަޕޫލާއި އާސެނަލްވެސް ބަލިކޮށް، ކަޓުވާލައިފައެވެ.
ޕީއެސްޖީން ވަރުގަދަ މެޗުތަކެއް ކުޅެ ފައިނަލަށް ގޮސްފައިވާ އިރު، އެންރިކޭގެ ނަޒަރުގައި ޕީއެސްޖީއަށް އޮތް ފައިދާއަކީވެސް އެއީއެވެ.
"އަހަރެމެންނަކީ މިހާރު ފައިނަލްތަކަށް އާ ޓީމެއް ނޫން. އަހަރެމެން މިފަހަރު ފައިނަލަށް މި ނުކުންނަނީ ތަޖުރިބާތަކެއް ކޮށްފަ. އެހެންވެ އެ ފައިނަލުތަކުން ލިބުނު ތަޖުރިބާއިން ޓީމުގެ ހިތްވަރު އިތުރުވެފަ މިއޮތީ. ތަޖުރިބާއަކީ ޓީމެއް ވަރުގަދަ ވާން ވަރަށް މުހިއްމު ކަމެއް،" އެންރިކޭ ބުންޏެވެ.
އެންރިކޭ ބުނީ ޕީއެސްޖީ ފައިނަލާ ހަމައަށް ދިޔައީ "އުނދަގޫ ދަތުރެއް ކޮށްފައި،" ކަމަށާއި، ޕީއެސްޖީގެ މި ސީޒަނަކީ ދަތި ދުވަސްތަކާއި އުފާވެރި ދުވަސްތައް އެކުވެގެން ކުރިއަށް ދިޔަ ސީޒަނެއް ކަމަށެވެ. އޭގެ ތެރެއިންވެސް ފައިދާ ނެގޭނީ ދަތި ހާލަތުގެ ފިލާވަޅުތަކުން ކަމަށްވެސް އެންރިކޭ ބުންޏެވެ.
އެންރިކޭ ވަނީ 2015 ވަނަ އަހަރު ބާސެލޯނާއާއެކުވެސް ޗެމްޕިއަންސް ލީގު ނަގައިފައެވެ. އެކަމާ ގުޅޭ ގޮތުން އޭނާ ބުނީ މިއީ އޭގެ 10 އަހަރު ފަސް ކަމަށްވުމުން، މިހާރު އޭނާ ހުރީ އެއަށްވުރެ "މެޗުއާ" ވެފައި ކަމަށެވެ.
އެންރިކޭ ބުނީ ޕީއެސްޖީ އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި، ފައިނަލަށް ނުކުންނާނީ ބިރެއް ނެތި، ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ