އިނގިރޭސިންގެ އިސްތިއުމާރީ ވެރިކަން އިންޑިޔާގައި ފެށުމުގެ ކުރިން އިންޑިޔާއަކީ މިހާރު އޮތްގޮތަށް އެންމެ ދައުލަތެއް ނޫނެވެ. ބައިވަރު ގައުމުތަކެކެވެ. އެތައް ތަނެއްގައި އެތައް މަހާރާޖާއިންނާއި ރާނީންނާއި ނަވާބުންނެވެ. ބްރިޓިޝް އީސްޓް އިންޑިޔާ ކޮމްޕެނީގެ ނަމުގައި އިނގިރޭސިން ސަތާރަވަނަ ސައްތައިން ފެށިގެން ފަތުރަންފެށި ނުފޫޒުގައި އެކި ސަރަހައްދުތައް ގަދަބާރުންނާއި ރުހުމުގައި އިނގިރޭސި ހުކޫމަތުގެ ދަށަށް ގެނެސް ސީދާ އިނގިރޭސި ރަސްކަމުގެ ދަށުގައިވާ ރަސްމީ ދައުލަތަކަށްހެދީ 1858 ގައެވެ. އިނގިރޭސި ރަސްކަމުގެ ތާޖުގައިވާ އެންމެ ބޮޑު ޖަވާހިރުގެ ގޮތުގައި 89 އަހަރު އޮތުމަށްފަހު އެ އިސްތިއުމާރު ނިމުމަކަށް ގެނެސް އިންޑިޔާ މިނިވަން ދައުލަތަކަށްވީ 1947 ގައެވެ. އިންޑިޔާ މިނިވަންވީއިރު ކުރިން ދެންނެވި ޖަވާހިރުވެސް އޮތީ ދެބައިވެފައެވެ. އިންޑިޔާ ދެބައިވެ ދެ ދައުލަތެއް އުފެދުނީއެވެ. ދެކުނު އޭޝިޔާގެ މުސްލިމުންނަށްޓައި ޕާކިސްތާނުގެ ނަމުގައި އައު ދައުލަތެެއްވެސް އުފަންވުމާއެކުގައެވެ.

ޕާކިސްތާން އުފަންކުރުމުގެ ޚިޔާލު

މިދެންނެވި ޕާކިސްތާނުވެސް ވަނީ 1971 ވަނަ އަހަރު ދެބައިވެފައެވެ. އެތަނުން ބަންގްލަދޭޝްގެ ނަމުގައި އަނެއްކާވެސް އައު ދައުލަތެެއް ވަނީ އުފެދިފައެވެ. އިންޑިޔާގައި ދިރިއުޅެނީ މައިގަޑުގޮތެއްގައި ދެ ދީނެއްގެ ބައެކެވެ. ހިންދީންނާއި މުސްލިމުންނެވެ. މިއީ ދެ ގައުމިއްޔަތެއް ކަމަށް ބަލައިގެން މުސްލިމުންނަށްޓަކައި ވަކި ދައުލަތެއް އުފެއްދުމުގެ ޚިޔާލަކީ އެންމެ ފުރަތަމަ މަޝްހޫރު އުރުދޫ ޅެންވެރިޔާ އައްލާމާ އިގުބާލް 1930 ގައި ފާޅުކުރެެއްވި ޚިޔާލެކެވެ. ދެން އޭގައި ކުލަޖެއްސެވީ ސިޔާސީ ލީޑަރުންގެ ތެރެއިން މުހައްމަދު އަލީ ޖިނާހާއި ޗައުދަރީ ރަހުމަތު އަލީއެވެ. ފަހުން ބަޔާން މިކުރެވުނު ރަހުމަތު އަލީއަކީ ޕާކިސްތާން، މިނަން އުފެއްދެވި ލީޑަރެވެ. ޕާކިސްތާނުގެ ލަފުޒީ މާނަޔަކީ ސާފު ގޮވައްޗެވެ. އިނގިރޭސިންގެ ހުކޫމަތު ނިމުމަކަށް ގެނެސް އިންޑިޔާގައި ދެ ދައުލަތް އުފެއްދުމަށް އިނގިރޭސި ޕާލަމެންޓުން 1947 ގައި ފާސްކުރިއިރު ޕާކިސްތާނު ކަމުގައި ބަލާފައިވަނީ މުސްލިމުންނަށް އަޣުލަބިއްޔަތު ލިބިފައިވާ ސަރަހައްދުތަކެވެ.

ބޯޑަރު ކުރަހައިލުން

ބަންގާޅު ޕްރޮވިންސް ދެބައިކުރީއެވެ. ޕަންޖާބު ޕްރޮވިންސްވެސް ދެބައިކުރީއެވެ. ހިންދޫންނާއި ސިކުންނަށް އަޣުލަބިއްޔަތު ލިބިފައިވާ ސަރަހައްދުތަކަކީ އިންޑިޔާއެވެ. ހިންދޫންނާއި ސިކުންނަށް އަޣުލަބިއްޔަތު ލިބިފައިވާ ސަރަހައްދުތައް އިންޑިޔާއަށޭ، މުސްލިމުންނަށް އަޣުލަބިއްޔަތު ލިބިފައިވާ ސަރަހައްދުތައް ޕާކިސްތާނަށޭ ބުނެފައި ނިންމާލަން ފަސޭހައެއް ނުވިއެވެ. ދެ ގައުމުގެ ސަރަހައްދީ އިން ކުރަހައިލުމުގެ މަސައްކަތް ހަވާލުކުރެވުނީ އިނގިރޭސިޔަކާއެވެ. ސާރ ސިރިލް ރެޑްކްލިފެވެ. އެގޮތުން އޭނާ މި ރޮނގުތައް މައިގަނޑުގޮތެއްގައި ކުރަހައިލީ ޕަންޖާބު ޕްރޮވިންސް ދެބައިކުރުމުގެ ޗާޓާއި ބަންގާޅު ޕްރޮވިންސް ދެބައިކުރުމުގެ ޗާޓެއްގެ ގޮތުގައެވެ. މުޅި އިންޑިޔާގެ މައްޗަށް އޮތީ އިނގިރޭސި ހުކޫމަތު ކަމަށްވިޔަސް ބައެއް މަހާރާޖާއިންނާއި ނަވާބުން ތިއްބެވީ މިނިވަން ރަސްރަސްކަލުންގެ ގޮތުގައެވެ. އެބޭފުޅުންގެ ގައުމުތައް ނުވަތަ ސަރަހައްދުތައް ބަހައިލާނެ ގޮތުގެ ޗާޓެއް ސާރ ރެޑްކްލިފް ކުރައްސަވައިފައެއް ނެތެވެ.

މައްސަލަތަކަށް ރިއާޔަތް ނުކުރުން

އިނގިރޭސިންގެ ވިސްނުމަކީ އެތަންތަނުގެ މުސްތަގުބަލް ނިންމާނީ އެތަންތަނުގެ ވެރިންނެވެ. އެވެސް ބުނަން ފަސޭހަ ގޮތެކެވެ. ކުރަން ފަސޭހަ ކަމެއް ނޫނެވެ. ހިންދޫންގެ އަޣުލަބިއްޔަތު ލިބިފައިވާ މިދެންނެވި ކަހަލަ ބައެއް ސަރަހައްދުތަކުގައި މުސްލިމް ރަސްކަލުން ތިއްބެވިއެވެ. އެފަދަ ރަސްކަލުންނަށް ކިޔަނީ ނަވާބެވެ. ހަމައެގޮތަށް މުސްލިމުންނަށް ބޮޑުތަނުން އަޣުލަބިއްޔަތު ލިބިފައިވާ ތަންތަނުގައި ހިންދީ ރަސްރަސްކަލުންވެސް ތިއްބެވިއެވެ. އެއީ މަހާރާޖާއިންނެވެ. ކޮންމެއަކަސް 14 އޮގަސްޓް 1947 ގައި ޕާކިސްތާނު އުފެދި އަދި އޭގެ އެއްދުވަސް ފަހުން 15 އޮގަސްޓްގައި އިންޑިޔާ އުފެދުނުއިރު ކުރިން މިދެންނެވި ޝާހީ ސަރަހައްދުތައް ނުވަތަ ގައުމުތަކުގެ ކަންކަން އޮތީ ނުނިމިއެވެ. އިނގިރޭސިންވެސް އަވަސް އަރުވާލައިގެން ބްރިޓިޝް ރާޖް ނިމުމަކަށް ގެނައީއެވެ. އޭގެ 78 އަހަރު ފަހުން މިހާރުވެސް އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި ސުލްހަ ގާއިމުވުމެއްނެތި އެކި ސަރަހައްދުތަކުގެ މައްސަލައިގައި ހަނގުރާމަ ހިނގަން މެދުވެރިވުމުގެ ސިއްރަކީ އެއީއެވެ.

ކަޝްމީރު ކަހަލަ އެތައް މައްސަލައެއް

އެ ސިއްރަކީ އިނގިރޭސިން ނިންމަންޖެހޭ ނިންމުންތަކެއް ނުނިންމައި މައްސަލަ އުފެދޭގޮތަށް ދެ ގައުމެއް އުފެއްދުމެވެ. މީގެތެރެއިންވެސް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިއޮންނަނީ ކަޝްމީރުގެ މައްސަލައެވެ. ހަގީގަތުގައި ކަޝްމީރު ކަހަލަ ކިތަންމެ ތަނެކެވެ. ކިތަންމެ މައްސަލައެކެވެ. އެކަމަކު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ދެމިގެން މިއަންނަނީ ކަޝްމީރުގެ މައްސަލައެވެ. އެ މައްސަލައިގައި އެތައް ހަނގުރާމައެއްވެސް ކޮށްފިއެވެ. އެހެންވީމާ ކަޝްމީރުގެ މައްސަލަ ފެށިގެން އައިގޮތާއި މިހާތަނަށް ކަންކަން ވެފައިވާ ގޮތާއި ދުނިޔޭގެ ރައުޔަށް ބަލައިލުމަކީ ވަރަށް މުހިންމު ކަމެކެވެ. ހުރިހާ މައްސަލައެއްގެ މައްޗަށް ކަޝްމީރުގެ މައްސަލަ އިސްވުމުގެ ސަބަބަކީ ކޮބައިކަމާއި ކަޝްމީރާމެދު އދ.ގެ ސަލާމަތީ މަޖިލީހުން ނިންމާފައިވާ ނިންމުންތަކަކީ ކޮބައިކަންވެސް ބަލައިލުން މުހިންމެވެ. ކަޝްމީރުގެ މައްސަލަޔަށް ބަލައިލުމާއެކު ދެން ހުރި މިޒާތުގެ މައްސަލަތަކަށްވެސް މިލިޔުމުގައި އިންސާފުކުރެވޭތޯ ބަލާނަމެވެ.

އިންޑިޔާއާއި ޕާކިސްތާނު 1947 ގައި ވުޖޫދުކުރިއިރު ޗާޓު ކުރެހުނުގޮތް. ---

ހައިދަރުއާބާދާއި ޖުނާގަދު

ވަން އޮންލައިނުގެ ކިޔުންތެރިންނަށް އިންޑިޔާ އާއި ޕާކިސްތާނުގެ ކޯޅުންތަކުގެ އެންމެ ފުނަށް ވާސިލްވާން ފުރުސަތު ދިނުމުގެ ގޮތުން ތަންކޮޅެއް ތަފްސީލީ ގޮތެއްގައި މި މައްސަލައަށް އަލިއަޅުވައިލުމުގެ ނިޔަތުގައެވެ. މައްސަލަ އުފެދުނު އެއްތަނަކީ އަންދްރަޕްރަދޭޝްގެ ހައިދަރުއާބާދެވެ. އެތަނުގައި ގިނައީ ހިންދީންނެވެ. އެކަމަކު ހުންނެވީ މުސްލިމް ރަސްކަލެކެވެ. މީރް އުސްމާން އަލީ ޚާނެވެ. އޭނާގެ ނިންމެވުމަކީ އެއްވެސް ގައުމަކާ ބައިވެރިނުވެ މިނިވަން ހައިދަރުއާބާދެކެވެ. އެކަމަށް އިހުތިރާމް ނުކޮށް އިންޑިޔާއިން ބާރުގެ ބޭނުންކޮށްގެން އިންޑިޔާގެ ދަށަށް ގެނައީއެވެ. އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަމިއްލަފުޅު ސްޓޭޓް ކަމަށްވާ ގުޖަރާތުގައިވެސް މިކަހަލަ ސަރަހައްދެއް އެބައޮތެވެ. ޖުނާގަދެވެ. އެއީ ހިންދީންނަަށް އަޣުލަބިއްޔަތު ލިބިފައިވާ ސަރަހައްދެކެވެ. އެކަމަކު އޭރުގެ ރަސްކަލަކީ ނުވަތަ ނަވާބަކީ މުސްލިމެކެވެ. ސަރ މުހައްމަދު ޚާންޖީއެވެ. އޭނާގެ ނިންމެވުމަކީ ޕާކިސްތާނާ ގުޅުމެވެ.

އެކަމަކު އެގޮތް ގަބޫލުނުކޮށް 1948 ގައި އިންޑިޔާއިން ޖުނާގަދު ހިފީއެވެ. ޕާކިސްތާނަށް ކުރެވޭނެ ކަމެއް ނެތެވެ. ސަބަބަކީ ޖުނާގަދުގެ ވަށައިގެންވެސް އޮތީ އިންޑިޔާ ކަމަށްވުމެވެ. ހައިދަރުއާބާދަށްވެސްވީ އެކަހަލަ ގޮތެކެވެ. އެކަމަކު ހައިދަރުއާބާދާ ޚިލާފަށް މިހާރުވެސް ޖުނާގަދަކީ އިންޑިޔާގެ ބައެއް ކަމަށް ޕާކިސްތާނުން ގަބޫލެއް ނުކުރެއެވެ. ޕާކިސްތާނުން ގަބޫލުކުރަނީ އެއީ ޕާކިސްތާނުގެ ބައެއް ކަމުގައެވެ. ޕާކިސްތާނުން ޗާޓުކުރަހަނީވެސް އެއީ ޕާކިސްތާނުގެ ބައެއްކަމަށް ހަދައިފައެވެ. މިދެންނެވި ޖުނާގަދަކީ މިއަދު ގުޖަރާތުގެ ބަޔަކަށްވާތީ އެތަނުގެ މައްޗަށް ޕާކިސްތާނުން ދައުވާ ކުރުމަކީ ޕާކިސްތާނަށް މޯދީ ނަފުރަތު ކުރައްވާ މައިގަނޑު އެއްސަބަބު ކަމަށްވެސް ވެދާނެއެވެ. މި ލިޔުމުގެ އަސްލު ނުގުތާއަކީ ޖުނާގަދުގެ މައްސަލަކަމަށް ނުވާތީ އެވާހަކަ ކުރުކޮށްފައި މި އެނބުރިލަނީ ކަޝްމީރުގެ މައްސަލައަށެވެ. އެންމެ ބޮޑު މައްސަލައަށެވެ. ޖުނާގަދާ ޚިލާފަށް ކަޝްމީރަކީ އިންޑިޔާއާވެސް އަދި ޕާކިސްތާނާވެސް އިންވެގެންވާ ސަރަހައްދެކެވެ.

ކަލާތުގެ މައްސަލަ

ކަޝްމީރަކީ އެތަނުގައި އެއްބަޔަކު ކުރާ ކަމަކަށް އަސްކަރީގޮތުން އަނެއް ބަޔަކަށް ރައްދު ޖަވާބު ދެވެން އޮތް ތަނެކެވެ. އެނޫން ތަންތަން ދާނޭ މަގަކުން ދިޔައީއެވެ. ވަށައިގެން ބެދިފައިވާ ތަންތަން އިންޑިޔާއާ އެއްކޮށްލި ބީދައިން ޕާކިސްތާނުގެ ތެރޭގައި ބެދިފައިވާ މިދެންނެވި ޒާތުގެ ޝާހީ ގައުމުތަކާމެދު ޕާކިސްތާނުންވެސް އަމަލުކުރީ އެފަދައިންނެވެ. މީގެ މިސާލަކީ ކަލާތެވެ. އެއީ މިއަދު ޕާކިސްތާނުގެ ބަލޯޗިސްތާނުގެ ބައެކެވެ. ކުރީޒަމާނުގައި މުޅިން ވަކި ރަސްކަމެކެވެ. ޕާކިސްތާނު އުފެދުމަށްފަހުވެސް ކަލާތު އޮތީ ވަކި ގައުމެއްގެ ގޮތުގައެވެ. އެކަމަކު އެތަނުގައި ގިނައީ މުސްލިމުންނެވެ. ގާތްގަނޑަކަަށް އަހަރެއް ފާއިތުވުމަށްފަހު ކަލާތުގެ ރަސްގެފާނު އަހުމަދު ޔާރު ޚާނުގެ ނިންމެވުމަކާއެކު ޕާކިސްތާނުން އެސަރަހައްދު ރަސްމީކޮށް ޕާކިސްތާނާ އެއްކޮށްލީއެވެ. އަސްކަރީގޮތުން އިންޑިޔާއާ އިންވެގެން ނުވާތީ އިންޑިޔާއަށް ކަމެއް ކުރެވޭކަށް ނެތެވެ. އަދި މުސްލިމުންގެ އަޣުލަބިއްޔަތު އޮތުމާއެކު ސިޔާސީގޮތުންވެސް މާބޮޑު ދައުރެއް އަދާކުރެވޭކަށެއް ނެތެވެ. އެކަން އެހެންއޮތަސް ޕާކިސްތާނުގެ ވެރިކަމުގެ ދަށުން ކަލާތު ވަކިކުރުމަށް ސިޔާސީގޮތުންނާއި އެނޫންވެސް ގޮތްގޮތުން އިންޑިޔާއިން މިއަދުވެސް މަސައްކަތް ކުރެއެވެ. ބަލޯޗިސްތާނު މިނިވަންކުރުމުގެ ނަމުގައެވެ.

(ނުނިމޭ)