މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ 2018 އިން 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި އޮޅުން އަރާ ގޮތަށް ބައެއް ވާހަކަތައް ހުރި ކަމަށް ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންތައްތައް ކޮށްފައިވާކަމަށް ފާހަގަކޮށްފައިވާ އިރު، އެ ރިޕޯޓާ ގުޅިގެން ކުރީގެ މިނިސްޓަރު މަހުލޫފު ވަނީ ބަޔާނެއް ނެރުއްވައިފައެވެ.

މަހުލޫފް ވިދާޅުވީ މިނިސްޓްރީއާ ހަވާލުވެ ހުރުމަށްފަހު، 2023 ވަނަ އަހަރުގެ އެންމެފަހު ބައްދަލުވުމުގައިވެސް، ބޮޑެތި މައްސަލަތަކެއް ނެތް ކަމަށް އޮޑިޓަރުން މިނިސްޓްރީގެ ވެރިންނަށް ވަނީ މައުލޫމާތު ދީފައި ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ޔޫތު މިނިސްޓްރީ އޮޑިޓް ކޮށްފައިވާ އިރު، ފަސް އަހަރު ތެރޭ އެންމެ ފަހަރަކުވެސް އެއްވެސް ކަމެއް އިސްލާހު ކުރަން ރަސްމީ އަދި ނުރަސްމީ ލަފައެއް ދީފައިނުވާ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓުގައި ފުޓުބޯޅަ ސްކޫލް ޕްރޮޖެކްޓަށް މިނިސްޓްރީން ދޫކުރި ފައިސާއިގެ ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، އެކަމުގައި ތަހުގީގެއް ކުރަން އޭސީސީއަށް ހުށަހަޅަން ލަފާ ދީފައިވާ އިރު، މަހުލޫފް ވިދާޅުވީ އެކަން ހިމަނާފައި ވަނީ އޭނާ މިނިސްޓަރު ކަމުގެ ދައުރުގެ ކަމެއްގައި ނަމަވެސް، އެއީ އެމްޑީޕީ ސަރުކާރުން ހުވާކުރުމުގެ ކުރިން ވެފައިވާ އެއްބަސްވުންތަކެއް ކަމަށެވެ.

އޭގެ އިތުރުން މަހުލޫފް ވިދާޅުވީ އޮޑިޓް ރިޕޯޓު އަހަރުން އަހަރަށް ނެރެން ޖެހޭ ނަމަވެސް، ހަތް އަހަރު ފަހުން 576 ޕްރޮޖެކްޓު ހިންގި މިނިސްޓްރީއެއްގެ އޮޑިޓް ރިޕޯޓު ނެރޭނަމަ، ކަމެއް އިސްލާހު ކުރަންވެސް ފުރުސަތު ނުލިބޭނެ ކަމަށެވެ. އަދި ރިޕޯޓު ނިންމާއިރު މައުލޫމާތު ދޭންތިބޭނީ އަލަށް އުފެދޭ ސަރުކާރެއްގެ ބައެއްކަމުން އެންމެ ފުރިހަމަ މައުލޫމާތު ދޭނެކަމަށް ގަބޫލެއްނުކުރެވޭ ކަމަށާއި، ލިޔެކިއުން ފުރިހަމަކޮށްދޭނެ ކަމަށް ނުދެކޭ ކަމަށްވެސް މަހުލޫފް ފާހަގަ ކުރެއްވިއެވެ.

މަހުލޫފު ފާހަގަކުރެއްވީ އޮޑިޓް ރިޕޯޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި މިހާރުގެ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކަންކަން ހިމެނޭހެން ނެރުނު ރިޕޯޓެއް ކަމުން އޮޅުން އަރާ ކަންކަން އެބަހުރި ކަމަށެވެ.

މަހުލޫފް އިތުރަށް އަލިއަޅުވާލައްވާފައި ވަނީ މަސައްކަތް ބަހައިގެން ކުރި ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ޕޮއިންޓަށެވެ.

"ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތުގެ ސަބް ބޭސް އަދި ޓާފްގެ މަސައްކަތް ވަކިވަކިން އިއުލާން ކޮށްގެން މަސައްކަތް ކޮށްފައިވާނީ، ވަކިވަކިން މަސައްކަތްކުރުމަށް ގާނޫނުން އެޖާގަ ލިބޭކަމަށް ގަބޫލުކުރެވޭތީއެވެ. އަދި އެދެމަސައްކަތް އެއްކޮށް ކުރަން އިއުލާނު ކުރުމުން ލިބުނު އަގަށްވުރެ ހެޔޮއަގުގައި ދައުލަތަށް ފައިދާވާގޮތަށް ވަކިވަކިން މަސައްކަތްކުރެވޭތީއެވެ. އަދި ގިނަ މަސައްކަތްތަކެއް އަވަހަށް ކުރެވޭތީއެވެ. މިސަރުކާރުންވެސް ވަކިވަކިން އެމަސައްކަތް ކުރިއަށްއެގެންދަނީ އެސަބަބާހެދިކަމަށް ގަބޫލުކުރެވެއެވެ." މަހުލޫފް ކުރެއްވި އެފްބީ ޕޯސްޓްގައި ވިދާޅުވިއެވެ.

އޭގެ އިތުރުން މަހުލޫފް ވިދާޅުވީ ކުޅިވަރު ސާމާނަކީ ލިއުމުން ކައުންސިލްތަކަށް ނޫންނަމަ ކުލަބް ޖަމިއްޔާއަކަށް ހަވާލުކޮށް، އެފަރާތުން އަންގާ ފަރާތަކާ ހަވާލުކުރާ ސާމާނު ކަމަށާއި، ޔޫތު ސެންޓަރުތައް ނުހިންގި ހުރީ ލާމަރުކަޒީ ގާނޫނުން އެކަންކަން ކައުންސިލާ ހަވާލުކޮށްފައި އޮތުމުން ކަމަށެވެ.

އޭގެ އިތުރުން ގިނަ ޕްރޮޖެކްޓްތަކެއް އަވަސްކޮށް ހިންގި މިނިސްޓްރީއަކާ ބަލައި، އިސްލާހުކުރަން ޖެހޭ ކަންކަން ހުރުމަކީ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.