މޫނު ބުރުގާ އަޅައިގެން މާލޭގެ ފިހާރައަކުން އަގުބޮޑު ގަޑިއެއް ވަގަށް ނެގި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ/ އަބުލައީގެ، މުހައްމަދު ސިމާދު (47އ) އެވެ. ފުުލުހުން އޭނާއަށް ކުރަނީ ވައްކަމުގެ ތުހުމަތެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ. އޭނާގެ ބަންދު މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓުން ނިންމީ ފުލުހުން އޭނާއަށް ތުހުމަތުކުރާ ކުށް އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާތީ އެވެ.
އެގޮތުން ތުހުމަތުކުރެވޭ ފަރާތުން 67،500 ރުފިޔާގެ އޮމެގާ ބްރޭންޑު ގަޑިއެއް ފިހާރައަކުން ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ކަމަށާއި ގަޑި ވަގަށް ނަގާފައިވަނީ ތިން މީހަކާ ގުޅިގެން ރާވައިގެން ކަމަށް ފުލުހުންނާ މައުލޫމާތު ދީފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.
ފުލުހުންގެ ބަޔާންތަކުން އެނގޭ ގޮތުގައި ތުހުމަތުކުރެވޭ ފަރާތަކުން ވައްކަން ކުރީ އަންހެން ހެދުން އަޅައިގެން (ސިފަ ނޭނގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން) އެވެ. އަދި އޭނާ ވަގަށް ނެގި ގަޑި އަދިވެސް ނުފެންނަ ކަމަށާއި އެ ގަޑި އެހެން މީހަކަށް ވިއްކާލާފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުންނާ ހަވާލާދީ ބަންދު އަމުރުގައި ބުންޏެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ތުހުމަތުކުރެވޭ ފަރާތަކީ ފާއިތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ޖިނާއީ ގިނަ ހައްޔަރު/ބަންދުގެ ރިކޯޑް އޮންނަ މީހެކެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމާއި މަސްތުވާތަކެތި ގަތުން އަދި ބޭނުންކުރުމުގެ އިތުރުން ކައުންޓާފީޓް ފައިސާ ގެންގުޅުމުގެ މައްސަލަތަކާއި ސައިކަލުތައް ވަގަށް ނަގާ މައްސަލަތަކުގެ ރިކޯޑުތައް ހިމެނެ އެވެ.
އަދި އޭނާއަކީ މީގެ ކުރިންވެސް އަންހެން ހެދުން އަޅައިގެން ސިފަ ބަދަލުކޮށްގެން ވައްކަން ކުރުމުގައި ބައިވެރިވާ މީހެއް ކަމަށްވެސް ބަންދު އަމުރުގައިވެއެވެ.
މުހައްމަދު އިޝާން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން