ޗެލްސީއަކީ މުހިއްމު ކްލަބެއްކަން ސާބިތުކޮށްދޭން ކޮންފަރެންސް ލީގުގެ ތަށި މުހިއްމު ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

ޗެލްސީއާއި ރެއާލް ބެޓިސް ވާދަކުރާ ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލް މިރޭ އޮންނަ އިރު، ޗެލްސީ އޮތީ ރަނގަޅު ފޯމެއްގައެވެ. އެއީ ޕްރިމިއާ ލީގު ނިމުނު އިރު، ލީގުގެ ހަތަރު ވަނަ ޔަގީންކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޔަގީންކޮށްފައި އޮތުމުންނެވެ.

މިރޭގެ ފައިނަލް ކާމިޔާބުކޮށްފި ނަމަ، ޗެލްސީ ވެގެންދާނީ މިހާތަނަށް ޔޫރަޕްގެ ހުރިހާ ތަށްޓެއް ހޯދި ހަމައެކަނި ޓީމަށެވެ. ކޯޗު މަރެސްކާ ބުނީ ފައިނަލުން މޮޅުވުމުގެ އެއް ބޭނުމަކީ އެ ތާރީހު ލިޔެލުމުގެ އިތުރުން ކުރިއަރަމުން އަންނަކަން ސާބިތުކޮށްދިނުން ކަމަށެވެ.

"ކޮންމެ މެޗަކީ، އަދި ކޮންމެ ތަށްޓަކީވެސް އަހަރެމެން ހޯދަމުން އަންނަ ކުރިއެރުން ދެއްކޭނެ އެއްޗެއް. އަހަރެމެންނަކީ މިހާރު ޕްރިމިއާ ލީގުގައި އޮތް އެންމެ ޒުވާން ސްކޮޑު، އެކަމަކު މިތިބީ ޗެމްޕިއަންސް ލީގު ޔަގީންކޮށްގެން. އެއިން އެނގިގެން ދަނީ ޗެލްސީއަކީ ކުޑަކުދީންތަކެއް ނޫންކަން. ކާމިޔާބު ހޯދޭނެ ވަރުގަދަ ޓީމެއްކަން،" މަރެސްކާ ބުންޏެވެ.

މަރެސްކާ ބުނީ މިވަގުތު ޗެލްސީ ކުޅެމުން އަންނަ ޔޫރަޕްގެ މުބާރާތަކީ ކޮންފަރެންސް ލީގު ކަމަށްވުމުން، އެ ތަށި ވަރަށް މުހިއްމު ކަމަށާއި، ތަށި ހޯދުން އެއީ ޗެލްސީގެ މުހިއްމުކަން ސާބިތުކޮށްދެވޭނެ ކަމެއް ކަމަށެވެ.

"އަހަރެމެންނަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެގެން މި ދެވުނީ މުހިއްމު މެސެޖެއް. އެހެންވިޔަސް، ޗެލްސީގެ މުހިއްމުކަން ޔޫރަޕަށް ޔަގީންކޮށްދޭން ކޮންފަރެންސް ލީގުގެ ތަށި ބޭނުން،" މަރެސްކާ ބުންޏެވެ.