ބާސެލޯނާގެ ސްޕެއިން ސުޕަ ސްޓާރު ލެމީން ޔަމާލް، އެ ކްލަބާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އުމުރުން އެންމެ 17 އަހަރުގެ ޔަމާލް ބާސާ އާއެކު ސޮއިކޮށްފައި ވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ޔަމާލް ކުރިން ބާސާ އާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާން އޮތްއިރު، އާ އެއްބަސްވުން 2031 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެއެވެ.
ޔަމާލް ވަނީ އުމުރުން 15 އަހަރުގައި ބާސާގެ ސީނިއާ ޓީމަށް ނުކުމެފައެވެ. އެއީ 2023 ވަނަ އަހަރު އެވެ. މި ސީޒަނުގައި ހާންސީ ފްލިކާއެކު ބާސާ އިން ލީގާއި ކަޕް ހޯދި އިރު، ޔަމާލް ވަނީ 55 މެޗުގައި 18 ގޯލު ޖަހައި، 25 ގޯލަށް އެސިސްޓް ކޮށްދީފައެވެ.
ބާސާ އާއެކު ޔަމާލް ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އޭނާގެ ރިލީސް ފީ، އެއް ބިލިއަން ޔޫރޯއަށް އަރައެވެ. އެއާއެކު ބެލޮންޑިއޯ ހޯދައިފި ނަމަ، ބޮޑު ބޯނަސް ފައިސާއެއް ދޭ ގޮތަށްވެސް އެއްބަސްވުމުގައި ހިމަނާފައިވެއެވެ.
ޔަމާލަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ބާސާއަށް ކުޅުނު 115 މެޗުގައި 25 ގޯލު ޖަހައިފައެވެ. މި ވަގުތު ޔަމާލަކީ ލަ ލީގާގެ އިތުރުން ކޮޕާ ޑެލް ރޭ އަސި ސްޕެނިޝް ސުޕަ ކަޕުގައިވެސް ގޯލު ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާއެވެ.
މި އަހަރު ޖުލައި މަހު 18 އަހަރު ފުރޭ ޔަމާލަކީ ބާސާއަށް އެންމެ ހަގު އުމުރުގައި 100 މެޗު ކުޅެދިން ކުޅުންތެރިޔާވެސް މެއެވެ.
ޔަމާލް ސްޕެއިނާއެކު ޔޫރޯވެސް ހޯދާފައިވާ އިރު، އޭނާއަކީ ލަ މަސިއާގެ އުފެއްދުމެކެވެ.
މުޙައްމަދު ޝަމްޢޫން
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ