ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއާގެ އަލް ނަސްރު ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފިއެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯ މިދިޔަ ދެ ސީޒަނާއި އެއްބައި އަލް ނަސްރުގައި ހޭދަކޮށްފައިވާ އިރު، އޭނާގެ ގޯލު ޖެހުމުގެ ރެކޯޑް ގޯހެއް ނޫނެވެ. އެ ކްލަބަށް ކުޅުނު 111 މެޗުގައި ރޮނާލްޑޯ ވަނީ 99 ގޯލު ޖަހައިފައެވެ.

ޖުމުލަ 1000 ގޯލު ހަމަކުރުމަށްފަހުގައި ނޫނީ ރިޓަޔާ ނުވާން ނިންމައިގެން ހުރި ރޮނާލްޑޯ މިހާތަނަށް 940 ގޯލާ ގާތް ކޮށްފައިވާއިރު، އަލް ނަސްރާއެކު އޭނާއަށް ޓްރޮފީއެއް ހޯދިފައެއް ނުވެއެވެ. މިސީޒަނުގައިވެސް އަލް ނަސްރު ލީގު ނިންމާލީ ޗެމްޕިއަން އަލް އިއްތިހާދަށްވުރެ 13 ޕޮއިންޓް ފަހަތުގައެވެ.

ރޮނާލްޑޯ އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައި އަލް ނަސްރު ޖާޒީގައި ހުރި އިރު، ލިޔެފައި ވަނީ "މި ޗެޕްޓަރު ނިމިއްޖެ،" ކަމަށެވެ. އެހެން ނަމަވެސް އޭނާ ދެން ބުނެފައިވަނީ އަދިވެސް ކުރިއަށް ވިސްނާ ކަމަށެވެ.

ރޮނާލްޑޯ ރިޓަޔާ ކުރުމަށް އަދި ނުވިސްނާއިރު، އޭނާ ދެން ދާނެ ކްލަބެއްގެ އެއްވެސް އިޝާރާތެއްވެސް އަދި ކޮށްފައެއް ނުވެއެވެ. ރޮނާލްޑޯ އަލް ނަސްރު ދޫކޮށްލުމުން އޭނާ މި ވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރީ މި ސީޒަނުގެ ނިޔަލަށް އެއްބަސްވުން ހަމަވާތީއެވެ. އެ އެއްބަސްވުން އާކުރުމަށް ކުރި މަސައްކަތް މިދިޔަ ދެ ހަފުތާގައި އޮތީ މަޑުޖެހިފައެވެ.

ރޮނާލްޑޯ ކްލަބު ވޯލްޑް ކަޕުން ފެނިދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދި ފަހުން ވަނީ ބުނެފަ އެވެ. ނަމަވެސް ޔަގީންކަމެއް ނުދެއެވެ. ބައެއް ހަބަރުތައް ބުނީ ކްލަބު ވޯލްޑް ކަޕް ކުޅޭ ޓީމަކަށް ރޮނާލްޑޯ ބަދަލުވެދާނެ ކަމަށެެވެ.