ދިވެހި ހައްޖުވެރިންގެ އެންމެ ފުރަތަމަ ފްލައިޓު މިއަދު ފުރައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރީ މިއަދު މެންދުރު ފަހު 3:15 ގައެވެ. އެ ފްލައިޓު ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ޖައްސާގެ ކަމަށް ލަފާކުރެވެނީ މިރޭ 8:49 ހާއިރު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފުރަތަމަ ފްލައިޓުގައި ރާއްޖެއިން ފުރާފައިވަނީ 235 ހައްޖުވެރިންނެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1،000 ކޯޓާއެވެ.
ދިވެހި ހައްޖުވެރިންނަށް ލުއިކޮށްދިނުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ހައްޖުވެރިންގެ ޑެބިޓް ކާޑުގެ ލިމިޓް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އިތުރު 1،750 ޑޮލަރުގެ ލިމިޓު ހަމަޖައްސައިދީފައެވެ. އޭރުން މިހާރު އޮންނަ 250 ޑޮލަރުގެ ލިމިޓާއެކު ހައްޖުވެރިންނަށް 2،000 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.
މީގެ އިތުރުން ހުރިހާ ހައްޖުވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެއެވެ.
ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ވެސް މިހާރު ވަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހައްޖުވެރިން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި ގާއިމްކޮށްފައެވެ.
މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުންނަށް އަލަށް ތައާރަފު ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތްވެސް ލިބޭނެއެވެ. އެއާއެކު، ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމުގެ ފުރުސަތު ލިބޭއިރު، ހައްޖުވެރިންގެ ލަގެޖުތައް ވެސް ސީދާ ހޮޓަލަށް ގެންގޮސްދޭނެއެވެ.
އަލީ ޔާމިން
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ