ރާއްޖެ އިން ހައްޖަށް ދާ މީހުންނަށް އަލަށް ތައާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތަކީ ރާއްޖެ އާއި ސައުދީގެ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.
އެ ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އާއި ސައޫދީގެ ފޮރިން މިނިސްޓްރީގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ ވެސް ބައިވެރިވެވަޑައިގަތެވެ.
މިއަދަކީ ދިވެހި ހައްޖުވެރިންނަށް ތާރީހީ އުފާވެރި ދުވަހެއްކަން ފާހަގަކުރައްވައި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ހައްޖުވެރިންގެ ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އެކަމަށްޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއަށާއި ޕްރިންސް މުހައްމަދު ބިން ސަލްމާނަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
އޭގެ އިތުރުން އެ އިންތިޒާމްތައް ހަމަޖައްސަން މަސައްކަތް ކުރާ ސައުދީގެ ހައްޖު މިނިސްޓްރީއަށާއި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުންނަށާއި ސައުދީ އިންޓީރިއާ މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިންނަށްވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސައުދީގެ ސަރުކާރުން ދިވެހި ހައްޖުވެރިންނަށް ހަމަޖައްސައި ދެއްވާފައިވާ އިންތިޒާމުތަކަކީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ކަމަށެވެ. އަދި ދިވެހި ހައްޖުވެރިންނަށް ހިދުމަތް ދިނުމަށާއި ހައްޖުވެރިންގެ ހިދުމަތުގައި މިހާރުވެސް ދިވެހި ހައްޖު މިޝަނުން ސައުދީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އަދި ހައްޖުވެރިންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަން ސައުދީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަކީ މުޅި އިސްލާމީ އުއްމަތަށް އެ ގައުމުން ދެއްވަމުން ގެންދަވާ ފުރިހަމަ ހިދުމަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.
އަދި އެ ޕްރޮގްރާމްގެ ސަބަބުން ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމުގެ ފުރުސަތު ލިބޭއިރު، ހައްޖުވެރިންގެ ލަގެޖުތައްވެސް ސީދާ ހޮޓަލަށް ގެންގޮސްދޭނެ އެވެ.
މުހައްމަދު ސިމާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު