އެޗްޑީސީން ހުޅުމާލޭގެ މާސްޓަ ޕްލޭނަށް މުހިންމު ބައެއް ބަދަލުތަކެއް ގެެނެސް މިއަދު އާންމުކޮށްފި އެވެ.

ހުޅުމާލޭގެ އާ މާސްޓަ ޕްލޭން އިފުތިތާހު ކޮށްދެއްވީ ހުޅުމާލެ ފޭސް 2 ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާރު މުހައްމަދު މައުރޫފް ޖަމީލު ވިދާޅުވީ ،މާސްޓަ ޕްލޭންތަކަކީ އަބަދު އެއްގޮތަކަށް އޮންނަންޖެހޭ އެއްޗެއް ނޫން ކަމަށާއި ޒަމާނާއި ތަރައްގީއާ އެއްގޮތަށް އެއަށް ބަދަލު އަންނަން ޖެހޭނެ ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ މާސްޓަ ޕްލޭން ރިވައިޒް ކުރަންޖެހުނު އެއް ސަބަބަކީ ހުޅުމާލޭގެ ބަނދަރުގެ ބޮޑުބައެއް ހިއްކައި ބަނދަރުގެ ޖާގަ ކުޑަވުން ކަމަށެވެ. އަދި ބަނދަރުގެ ޖާގަ ބޮޑުކުރުމުގެ ސަބަބުން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް މަދު ނުވާނެ ކަމަށް ވިދާޅުވި އެވެ.

އާ މާސްޓާ ޕްލޭންގައި ހުޅުމާލޭގެ ބަނދަރު ސަރަހައްދުގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ 36 ހެކްޓަރުގެ ސަރަހައްދު 53 ހެކްޓަރަށް ބޮޑުކުރުމަށް ކަނޑައަޅާފައިވެ އެވެ. އަދި ބަނދަރުގެ ބައެއްގެ ގޮތުގައި ފޭސް 1ގެ ހުޅަނގު ފަރާތާއި ފޭސް 3ގެ ދެކުނު ފަރާތް ތަރައްގީ ކުރާނެ އެވެ.

ބަނދަރުގައި ހިމެނޭނެ ކަންކަން:

  • ޒަމާނީ ފެންވަރުގެ ބޮޑު ޓާމިނަލެއް ތަރައްގީ ކުރާނެ
  • 316 ޑިންގީ/ ސްޕީޑުބޯޓަށް ޖާގަ ލިބޭ ސްޕީޑްބޯޓު މެރީނާއެއް
  • 75 ސަފާރީ އަޅާފައި ބޭއްވޭނެ ވަރުގެ ސަފާރީ މެރިނާއެއް
  • މެރީނާ ކްލަބެއް
  • މުދާ އަރުވާ ބޭލުމަށް ޓީ-ޖެޓީއެއް
  • ޓީ-ޖެޓީ ސަރަހައްދުގައި މުދާ ގުދަންކުރެވޭނެ ޑިސްޓްރިބިއުޝަން ސެންޓަރެއް
  • ވެއާހައުސްތަކާއި ވޯކްޝޮޕްތަކަށް ޖާގަ ހުންނާނެ

މައުރޫފު އިތުރަށް ވިދާޅުވީ، އުންމީދީ އާ މާސްޓަޕްލޭން ފައިނަލް ކުރުމުގެ ކުރިން ސްޓޭކްހޯލްޑަރުންނާއި އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާއެއް ކުރިއަށްގެންދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގެ މާސްޓަ ޕްލޭންގެ ތުރީޑީ މޮޑެލް އެއް ވެސް ދައްކާލައިފަ އެވެ. އަދި އެޗްޑީސީގެ އާ ވެބްސައިޓު ވެސް އެ ރަސްމިއްޔާތުގައި އިފުތިތާހު ކުރި އެވެ. ވެބްސައިޓު އިފްތިތާހު ކޮށްދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ އާ މާސްޓަ ޕްލޭނަކީ ހުޅުމާލޭގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ މުހިންމު މަޝްރޫއުތަކާއި ހުޅުމާލޭގެ ތިން ފިޔަވައްސާއި ފައިނޭންޝިއަލް ސެންޓަރު ގުޅިލާމެހިގެން އިންޓްގްރޭޓެޑް ގޮތެއްގައި ތަރައްގީ ގެނައުމަށް މަގުފަހިވެގެންދާނެ ޕްލޭނެއް ކަމަށެވެ.

އޭގެ އިތުރުން އެ މާސްޓަޕްލޭނާ އެކު ގްރޭޓާ މާލެ ސަރަހައްދުގެ ފައިނޭންޝަލް ކެޕިޓަލްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރަން އެ މާސްޓަޕްލޭނުން މަގުފަހިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ފައިނޭންޝިއަލް ކެޕިޓަލެއްގެ ގޮތުގައި މިތަން (ހުޅުމާލެ) ތަރައްގީކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވާ ގޮތެއް. މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓް ގާއިމުވެފައި ގޮތަށް އެއަށް ކޮމްޕްލިމެންޓް ކުރަން ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމަށް ހެދުމަކީ ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި ތަރައްގީއަކީ،" ރައީސް ވިދާޅުވި އެވެ.