ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ރެއާލް ސޮސިއެދާދު ބަލިކޮށްފިއެވެ.
ރެއާލުން ރޭ އަމިއްލަ ދަނޑުގައި ސޮސިއެދާދު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ރެއާލްގެ ލެޖެންޑުންތަކެއް ކްލަބާ އަލްވަދާއުކީ މެޗެކެވެ. އެގޮތުން މިވަގުތު ކްލަބާ ހަވާލުވެ ހުރި ކޯޗު، ކާލޯ އެންޗެލޮޓީއާއި މިޑްފީލްޑަރު ލޫކާ މޮޑްރިޗްވެސް ރޭގެ މެޗަށްފަހު ރެއާލް ދޫކޮށްލާފައިވެއެވެ.
އުމުރުން 39 އަހަރުގެ މޮޑްރިޗް، ރެއާލް ދޫކޮށް ދަނީ ޖުމުލަ 28 ތަށި ހޯދުމަށްފަހުއެވެ. އޭގެ ތެރޭގައި ހަ ޗެމްޕިއަންސް ލީގުވެސް ހިމެނެއެވެ. އޭގެ އިތުރުން މޮޑްރިޗް ވަނީ ހަތަރު ފަހަރަށް ލީގުވެސް ކާމިޔާބު ކޮށްފައެވެ. މޮޑްރިޗް ޓޮޓެންހަމްއިން ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ.
އެންޗެލޮޓީއަކީވެސް ރެއާލްގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އެއް ކޯޗުކަމަށްވީ އިރު، އޭނާއަށްވެސް ސަޕޯޓަރުން ވަނީ ފުރިހަމަ އަލްވަދާއެއް ކިޔައިފައެވެ. އެންޗެލޮޓީއަށް ހާއްސަ ބެނާއެއް ދަނޑުގައި ދަމާފައިވާ އިރު، މެޗަށްފަހު ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ، ޝުކުރު އަދާކޮށްފައެވެ.
ރެއާލުން ރޭ ކުޅުނު މެޗުގައި ދެ ގޯލުވެސް ކިލިއަން އެމްބާޕޭ ޖަހާފައިވާ އިރު، އޭނާ ވަނީ މިހާތަނަށް ސީޒަނުގައި 31 ގޯލު ޖަހައިފައެވެ. އެމްބާޕޭއަކީ މިވަގުތު ޔޫރަޕްގެ ރަން ބޫޓު ހޯދުމަށް އެންމެ ގާތުގައި އޮތް ކުޅުންތެރިޔާއެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް