އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުގެ ކެޕްޓަންކަން ޝުބްމަން ގިލްއަށް ދީފިއެވެ.
އުމުރުން 25 އަހަރު ގިލްގެ ކުރިން އިންޑިއާގެ ޓެސްޓް ކެޕްޓަނަކީ 38 އަހަރުގެ ރޯހިތު ޝަރުމާއެވެ. އޭނާ ވަނީ ޓެސްޓް ކްރިކެޓުން ރިޓަޔާ ކުރިކަން މި މަހުގެ ކުރީކޮޅުގައި އިއުލާންކޮށްފައެވެ.
ގިލްއަކީ މި ވަގުތު އިންޑިއާގެ ޓެސްޓް ޓީމުގައި އެއްވަނައަށް ބެޓްކުރާ ކުޅުންތެރިޔާއެވެ. ޖުމުލަ 32 ޓެސްޓް މެޗުގައި ގިލް ވަނީ މިހާތަނަށް 1893 ލަނޑު ހަދައިދީފައެވެ.
ޓެސްޓް ޓީމުގެ ކެޕްޓަނުގެ ގޮތުގައި ގިލް އިއުލާންކޮށްފައި މިވަނީ އިންޑިއާ އިން އިންގްލެންޑާ ދެކޮޅަށް ކުޅެން އޮތް ޓެސްޓް ސީރީއަސްއަށެވެ.
ގިލްގެ އެސިސްޓެންޓުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވިކެޓްކީޕަރު ރިޝާބް ޕަންތު އަދި ޖެސްޕްރިތު ބުމްރާއެވެ. ބުމްރާ އަކީ ކުރިން ރޯހިތުގެވެސް ވައިސް ކެޕްޓަނެވެ. ބުމްރާ އަށް ކެޕްޓަން ބޭންޑް ނުދިނުމުން އެކަމަށް ބައެއް ފާޑުކިޔުންތައްވެސް އަމާޒުވެފައިވާ އިރު، ޗީފް ސެލެކްޓާ އަޖީތު އަގަރްކާރު ބުނީ ބުމްރާއަކީ މޮޅު އުކުންތެރިއެއް ކަމަށާއި ކެޕްޓަނެއްގެ ޕްރެޝަރު އޭނާއަށް އޮންނަން ބޭނުން ނުވާ ކަމަށެވެ.
އިންޑިއާ އިން އިންގްލެންޑާ ދެކޮޅަށް ކުޅެން ތައްޔާރުވާ ޓެސްޓް ސީރީސްގެ މެޗުތަކަކީ އާ ޖީލެއްގެ ފެށުމެވެ. ރޯހިތު ރިޓަޔާކުރިތާ މާގިނަ ދުވަހެއް ނުވެ، އެ ޓީމުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ވިރާތު ކޯލީވެސް މިހާރު ވަނީ ޓެސްޓް ކްރިކެޓުން ރިޓަޔާކޮށްފައެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް