ބަޔާން ލެވަކޫސަންއަށް ކުޅެމުން އަންނަ ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްސް ހޯދުމަށް ކްލަބުތަކުން ކުރަމުން އަންނަ މަސައްކަތުގައި ލިވަޕޫލުން ކުރިއެރުން ހޯދައިފިއެވެ.
ޖަރުމަނުގެ ޕެލޭމޭކަރު ވާޓްސްއަކީ ގިނަ ޓީމުތަކަކުން ފާރަލުން ދިޔަ ކުޅުންތެެރިއެކެވެ. ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީގެ އިތުރުން ލިވަޕޫލާއި ބަޔާން މިއުނިކުން އޭނާ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، ކުރީން ހަބަރުތައް ބުނެފައި ވަނީ ވާޓްސް ދިއުން އެންމެ ގާތީ ބަޔާނަށް ކަމަށެވެ.
އެގޮތަށް ކުރިން ހަބަރު ފެތުރިފައިވީ ނަމަވެސް، ނޫސްތައް ބުނެފައި ވަނީ ވާޓްސް ބޭނުން ވަނީ އާނޭ ސްލޮޓް ކޯޗުކަން ކޮށްދެމުން އަންނަ ލިވަޕޫލަށް ދާން ކަމަށެވެ. ވާޓްސް އެގޮތަށް ބޭނުންވާކަން ލިވަޕޫލަށް އެނގުމާއެކު، އެ ކްލަބުން ވަނީ ބަޔާން ލެވަކޫސަންއާއެކު އެއްބަސްވުމަކަށް ދާން މަޝްވަރާ ފަށައިފައެވެ.
އެ މަޝްވަރާތައް ފަށައިގެން ކުރިއަށްދާ އިރު، ލެވަކޫސަން ގަބޫލުކުރާ ގޮތުގައި ވާޓްސްގެ އަގަކީ 120 މިލިއަން ޕައުންޑެވެ. އުމުރުން 22 އަހަރުގެ ވާޓްސް ގެންދަން ލިވަޕޫލުން އެހާ ބޮޑު ހަރަދެއް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ.
އެ އަގުގައި ލިވަޕޫލުން ވާޓްސް ގެންގޮސްފިނަމަ، އެ އަގު ވެގެންދާނީ އިނގިރޭސިވިލާތުގެ ރެކޯޑު އަގަކަށެވެ. މީގެ ކުރިން އިނގިރޭސިވިލާތުގެ ކްލަބަކުން އެންމެ އަގުބޮޑުކޮށް ގެންދިޔަ ކުޅުންތެރިޔަކީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އެވެ. ޗެލްސީން އޭނާ ގެންދިޔައީ 107 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ލިވަޕޫލްގެ ސްކޮޑު ވަރުގަދަ ކުރަން ޖެހޭ ކަމަށް ކޯޗު ސްލޮޓް ކުރިންވެސް ބުނެފައިވާ އިރު، ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ކްލަބު ދޫކޮށްލަން ނިންމާފައިވުމުން ޖެރެމީ ފްރިމްޕޮންގް ގެންދަން މިހާރު ވަނީ ނިންމައިފައެވެ. އެއީވެސް ބަޔާން ލެވަކޫސަންއިންނެވެ.
މުޙައްމަދު ޝަމްޢޫން
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް