ރާއްޖެ އިން ބޭރަށް ފުރަންދިޔަ އިންޑިއާގެ ރައްޔިތެއްގެ އަތުން ފެނުނު 60،037.00 (925،770.54) ޑޮލަރު އަދި 5،415 (95،456.16 ރުފިޔާ) އަނބުރާ އެ މީހާއާ ހަވާލުކުރުން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 15 ސެޕްޓެމްބަރު 2019 ވަނަ އަހަރު މުރުގޭޝް ކަރުނަ ނިދީ، އިންޑިއާއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި އޭނާގެ ލަގޭޖުގެ ތެރެއިން މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކޮށްގެން ހޯދި ކަމަށް ބުނާ ފައިސާތަކެއް ފެނުނު މައްސަލައެކެވެ.

އެ ފައިސާއާ 23 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ފުލުހުން ހަވާލުވެ، ފުލުހުން އެ މައްސަލަ ތަހުގީގުކުރުމަށްފަހު މުރުގޭޝްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވުމުން 20 ސެޕްޓެމްބަރު 2021 ވަނަ ދުވަހު މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ޑިކްލައިން ކޮށްފައިވެއެވެ. އަދި ފުލުހުން ވަނީ އެ މައްސަލަ 12 ސެޕްޓެމްބަރު 2021 ގައި ފައިލްކުރެވިފައިވާކަން މުރުގޭޝްއަށް އަންގައިފައެވެ. އަދި އެ ފައިިސާތައް އަނބުރާ މުރުގޭޝްއާ ހަވާލުނުކުރެވޭނެކަން ފުލުހުން އޭނާއަށް އެންގިއެވެ.

އެ ފައިސާތައް ފުލުހުންގެ ބެލެމުގެ ދަށުގައި ބަލަހައްޓަންޖެހޭ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް ބުނެ މުރުގޭޝް ވަނީ އެ ފައިސާތައް ހޯދުމަށް ސިވިލް ކޯޓުގައި 24 އޮކްޓޫބަރު 2021 ވަަނަ ދުވަހު ދައުވާކޮށްފައެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު އިއްޔެ ވަނީ މައްސަލައިގެ ރައުޔު އިއްވައި ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުﷲ މައްސަލައިގެ ރައުޔުގައި ވިދާޅުވީ މި މައްސަލައިގައި ދައުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ ކޮންގޮތަކަށް ކިހިނެއް އަދި ކޮން މުއާމަލާތްތަކަކާއި ގުޅިގެން ހޯދާފައިވާ ފައިސާތަކެއްކަމާއި އެ ފައިސާތަކާއި ހަވާލުވެހުރީ ކާކު ކަމާއި އެ މައްސަލައިގައި ދައުވާކުރާ ފަރާތުން އެ ފައިސާތަކާ ހަވާލުވެ ހުރީ ކޮން ހައިސިއްޔަތަކުންކަން، ފުލުހުންގެ މި މައްސަލަ ތަހުގީގު ކޮށްފައިވާ ބަޔާންތަކުނާއި މައްސަލަ ސާބިތުކުރުމަށް ދައުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުން އެނގޭ ކަމަށެވެ.

ގާޒީ ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށް ދައުވާކުރާ ފަރާތުގެ މައްޗަށް ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމުން، އެ މައްސަލާގައި ދައުވާކުރާ ފަރާތުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމައި، އެ މައްސަލަ ފައިލްކޮށްފައިވުމަކީ ދައުވާކުރާ ފަރާތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ނިމުމަކަށް އަންނާނެ ކަމެއް ކަމަށެވެ.

"ދައުވާކުރާ ފަރާތުގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ބިނާކޮށްފައިވާ އަސާސަކީ ދައުވާކުރާ ފަރާތުގެ އަތުން ފެނުނު ފައިސާކަމާއި ދައުވާކުރާ ފަރާތުގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރުގެ ހެކި ނެތިގެން ދައުވާ ނުކުރުމަށް ނިންމާފައިވާ އެ ނިންމުން ބިނާކޮށްފައި އެވަނީ، ދައުވާކުރާ ފަރާތުގެ އަތުން އެ ފެނުނު ފައިސާއަކީ، ކިހިނެތް، ކޮން ގޮތަކުން ދައުވާކުރާ ފަރާތަށް ލިބުނު ކާކުގެ ފައިސާއެއްކަމާއި އަދި އެ ފައިސާތަކުގެ މައްޗަށް ދައުވާކުރާ ފަރާތުގެ އޮތް ޒިންމާއަކީ ކޮބައިކަން، ދައުވާކުރާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު މަނީ ލޯންޑަރިންގެ މައްސަލާގެ ތަހުގީގުގައި ނަގާފައިވާ ބަޔާންތަކުން އެކަންކަން ސާފުކޮށް ފެންނަން އޮތުމުން ކަމަށް ޝަރީއަތަށް ބުރަވެވޭތީ، މަނީ ލޯންޑަރިންގެ ތުހުމަތުގައި ދައުވާކުރާ ފަރާތުގެ އަތުން ފެނި، ދައުވާ ލިބޭ ފަރާތުން ހިފަހައްޓާފައިވާ މި ދައުވާގައި ދައުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ، ދައުވާކުރާ ފަރާތަށް ދޫނުކޮށް ހިފެހެއްޓޭނެ، ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތްކަން އެނގެން އޮންނަ ކަމެވެ" ގާޒީ ވިދާޅުވިއެވެ.

ރައުޔުގައި ގާޒީ ވިދާޅުވީ މި މައްސަލައިގައި ދައުވާކުރާ ފަރާތަކީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކްރިޝްނާ އެގްޒިމް ޕާޗޭސްގެ މެނޭޖަރެއްގެ މަގާމުގައި ހުރި މީހެއް ކަމަށާއި އެ ކުންފުންޏަކީ ރާއްޖޭގެ ބައެއް ކުންފުނިތަކަށް މުދާ ފޮނުވައިދޭ ކުންފުންޏެއް ކަމަށާއި ދައުވާކުރާ ފަރާތުން ރާއްޖެއަށް އަންނަނީ މުދާ ނުވަތަ ސާމްޕަލް ހިފައިގެން ކަމަށެވެ.

އަދި ބައެއް ފަހަރު އިންޑިއާ ކުންފުނިން ރާއްޖޭގެ ކުންފުނިތަކަށް ފޮނުވާ މުދަލުގެ އަގު ލިބިގަތުމަށްވެސް ރާއްޖެއަށް އަންނަ ކަމަށްވެސް ތަހުގީގުގެ ލިޔުންތަކާއި ބަޔާންތަކުން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ދައުވާކުރާ ފަރާތުން ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް ފޮނުވާ މުދަލުގެ އަގަށްވާ ފައިސާ، އެ ފަރާތްތަކުގެ އަތުން ނަގާ އެ ފައިސާއާ ހަވާލުވުމާއި އެ ފައިސާ އަނބުރާ އެ ކުންފުންޏަށް ރައްދުކުރުމަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެއްކަން ލިޔެކިޔުންތަކުން އެނގޭ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

އެހެންކަމުން އެ ފައިސާތައް ދައުވާކުރާ ފަރާތުން ކުންފުންޏާ ހަވާލުކުރުމާއި ހަމައަށް އެ ފައިސާތަކުގެ ވެރިޔާއަކީ ދައުވާކުރާ ފަރާތްތަކަން ޝަރުއީ ހަމަތަކުން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ. އެކަންކަން ފާހަގަކޮށް މައްސަލައިގެ ހުކުމުގައި ގާޒީ ވިދާޅުވީ އެ ފައިސާ ދައުވާކުރާ ފަރާތަށް ހަވާލުނުކޮށް ހިފެހެއްޓޭނެ ގާނޫނީ ސަބަބެއް ނެތުމުން އެ ފައިސާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް ހުކުމްކުރާ ކަމަށެވެ.